މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު 28 ދުވަސްފަހުން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ލަތާ ކުރި ޓްވީޓެއްގައި ބުނީ އޭނާ މިހާރު ހޮސްޕިޓަލުން ގެއަށްދޫކޮށްލާފައިވާ ކަމަށެވެ. ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އައިސީޔޫގައި މިދިޔަ މަހު 11 ވަނަ ދުވަހުން ފެށިގެން އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ. ލަތާ ބުނީ އޭނާ ފަރުވާ ހޯދީ ނިއުމޯނިއާ އަށް ކަމަށެވެ. އަދި މިހާރު އެ ބަލިން އެއްކޮށް ފަސޭހަވެފައިވާ ކަމަށެވެ.
ލަތާ އަށް ފަރުވާދިނީ އިންޑިއާގެ މުމްބާއީގައި ހުންނަ ބްރީޗް ކެންޑީ ހޮސްޕިޓަލްގައެވެ. ލަތާ ފިލްމަކަށް އެންމެ ފަހުން ލަވަކިޔައިދީފައިވަނީ 2004 ވަނަ އަހަރު ނިކުތް ވީރުޒާރާއަށެެވެ. އޭރު އޭނާއަށް 75 އަހަރެވެ.
އިންޑިއާގެ ރައްޔިތުންނަށްދޭ އެންމެ ޝަރަފްވެރި އިނާމް ބާރަތު ރަތުނާގެ އެވޯޑް 2001 ވަނަ އަހަރު ލަތާއަށް ވަނީ ލިބިފަ އެވެ.