ގާސިމްގެ ސުވާލު: އަންހެނުންނަށް ކައުންސިލުތަކުން ކޯޓާ ދިނީ މަލާމާތެއް ކުރަންތަ؟

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" އިފްތިތާހުކުރުމުގެ ޖަލްސާގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަނބިކަނބަލުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް ކައުންސިލަރުންނަކީ އަންހެނުންނަށް ވުން ލާޒިމުކޮށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ އަންހެނުންނަށް މަލާމާތެއް ކުރަންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އަންހެނުންނަށް ވަކި ޕަސެންޓެއް ދޭން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙު ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ މީގެ ކުރިން ދެއްކެވި ވާހަކަ މިރޭ އަނެއްކާވެސް ގާސިމް ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވަން މިއުޅެނީ މިހާރު އަންހެން ބޭފުޅުން ބާރުވެރި ކުރުވާށޭ ކިޔައިގެން މިބޭފުޅުން މިކުރެވޭ ކަންތައްތަކުގެ ނަތީޖާއަކީ އަޅުގަނޑު ކޮންމެހެން ބުނާކަށެއް ނޫން މިއުޅެނީ. މިއީ އެބޭފުޅުންނަށް [އަންހެން ބޭފުޅުންނަށް] ކުރާ މަލާމާތެއްހޭ. ނުވަތަ ޖޯކެއް ހެއްޔޭ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުން ގާނޫނަކުން ކަށަވަރުކޮށްދީގެން ވަކި ޕަސެންޓެއް ނުދިން ކަމުގައިވިޔަސް މަސައްކަތް ކުރީމަ އަންހެނުން މަގާމުތަކަށް އިންތިހާބު ވާނެ އެވެ. މިސާލެއް ގޮތުން ގާސިމް ދެއްކެވީ މަޖިލީހުގައި މިހާރު އިންތިހާބުވެފައި ތިއްބެވި ހަތަރު އަންހެން މެމްބަރުންގެ ވާހަކައެވެ.

ގާސިމް ވިދާޅުވީ ގާނޫނަކުން ކޯޓާ ކަނޑައަޅާފައި އަންހެނުންނަށް ނުދިން ނަމަވެސް މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ހަތް އަންހެން ބޭފުޅުން ތިއްބަވާ ކަމަށެވެ. އެއީ ގާނޫނަށް ބަދަލެއް ގެނަންޖެހޭ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" އިފްތިތާހުކުރުމުގެ ޖަލްސާގައި އެޕާޓީގެ ލީޑަރު ގާސިމް އިބްޜާހިމް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ދަންނަވަން މިއުޅޭ ވާހަކައަކީ އަންހެން ބޭފުޅުން ސާބިތުކަމާއެކު ނުކުމެވަޑައިގަންނަވާށޭ. ކުރިއްސުރެއް ޕްލޭންކޮށްގެން ތިބޭފުޅުންވެސް ދާންވީ ނުކުމެވަޑައިގަންނަވާންވީ ދާއިރާތަކާ މެދު ވިސްނާވަޑައިގަންނަވައިގެން އެ މިނިވަން ކަމާއެކީ ނުކުމެވަޑައިގަންނަވައިގެން އެކަން ކާމިޔާބު ކުރެވޭނޭ." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

އެގޮތަށް ބަދަލު ގެންނަން ދެކޮޅު ހަދަނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ގާނޫނުއަސާސީއިން ކަށަވަރު ކޮށްދޭ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށް ލިބެންޖެހޭނެކަމަށް ބުނެފައިވާތީކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް މީގެ ކުރިންވެސް އެވާހަކަފުޅު ދައްކަވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެހެންވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ލާމަރުކަޒީ ގަނޫނަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ނޫން ކަމަށެވެ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގައިި މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތި ކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރި ކަމެއް ލިބިދޭން ޖެހޭ ބަޔަކަށް އެހީތެރިވުމައްޓަކައި ނުވަތަ ރައްކާތެރިކަމެއް ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ ތަފާތުކުރުން ނޫންކަމަށް ބުނެފައިވާތީ އެކަން އެމީހުން ފާހަގަކުރިއެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" އިފްތިތާހުކުރުމުގެ ޖަލްސާގައި އެޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެވާހަކަތަކަށް ރައްދު ދެއްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ ގާނޫނުތައް ހެދިއިރު އެ އިސްލާހު ނުގެނައީ ކީއްވެތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރި އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ މިރޭގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީއިން އަބަދުވެސް އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށް އިސްކަން ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ވާނީ ހައްގާއި އިންސާފާއި ހަމަހަމަކަމަށް ވަކާލާތުކުރާ ޕާޓިއަކަށް." ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީއިން އަންހެނުން ދާން ބޭނުންވާ މަންޒިލާ ހަމައަށް ގެންގޮސްދޭނެ ކަމަށެވެ. އެހެންވީމާ އަންހެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނަހުލާ ގޮވާލި އެވެ.

comment ކޮމެންޓް