އިނގިރޭސި ސަފީރު އައްޑޫ ސިޓީގެ އިމާމުންނާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ އައްޑޫސިޓީގެ އިމާމުންނާއެކު ބޭއްވި ބައްދަލުކުރެއްވުން -- ފޮޓޯ/ އައްޑޫ ސިޓީ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ އައްޑޫސިޓީގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިިލުން ބުނި ގޮތުގައި އެ ބައްދަލުވުމަކީ އައްޑޫގެ އިމާމުންގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމައުގައި އެމީހުންގެ ދައުރު އަދާކުރާގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެެކެވެ.

އެ ބައްދަލުވުމުގައި ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުންނާއި އެފަދަ ޒުވާނުން ރަނގަޅު މަގަށް ގެނެސްދިނުމުގައި މިސްކިތްތަކުގެ އިމާމުންގެ މަސައްކަތާ ގުޅޭގޮތުން ރޮސްލާ ސުވާލު ކުރައްވައި މައުލޫމާތު ހޯއްދެވި އެވެ.

ރޮސްލާ ވިދާޅުވި ގޮތުގައި މުސްލިމުންގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ކަންކަން އެއީ ހަގީގީ އިސްލާމް ދީން ނޫންކަން ބުނެދިނުމުގައި އީމާމުންގެ ދައުރު މުހިންމު ކަމަށެވެ. އަދި އެކަމަށްޓަކައި މީޑިއާތަކުންވެސް ރަނގަޅު ގޮތުގައި ރިޕޯޓުތައް ގެނެސްދިނުން މުހިންމު ކަމަށް އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ. އަދި ތަފާތު ފިކުރުތައް ދެނެގަނެ އެއްކޮށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވި އެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާ އައްޑޫސިޓީގެ އިމާމުންނާއެކު ބޭއްވި ބައްދަލުކުރެއްވުން -- ފޮޓޯ/ އައްޑޫ ސިޓީ

އިމާމުންނާ ބައްދަލުކުރެއްވުމަށް ފަހު ރޮސްލާ ވަނީ މިސްކިތަކަށް ވަޑައިގެން އެ މިސްކިތް ބައްލަވާލައްވާފައެވެ.

ރޮސްލާއަށް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިދޔަ ބުރާސްފަތި ދުވަހު އެވެ. ހަފްތާ ބަންދު ތެރޭގައި އެ ސިޓީގައި ބޭއްވި "އައްޑޫ މެރަތަން"ގައިވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އިއްޔެ އޭނާ ވަނީ އައްޑޫ ސިޓީ ކައުންސިލާވެސް ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް