ފުނަދޫ އެއާޕޯޓު ހުޅުވުން ޖެނުއަރީ 15ގައި

ށ. ފުނަދޫ -- ފޮޓޯ: އެމްޓީސީސީ

ށ. ފުނަދޫގައި ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓު އަންނަ މަހު 15 ގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ފުނަދޫ އެއާޕޯޓަށް ބޭނުންވާ ޓާމިނަލްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ޓާގެޓަކީ އަންނަ މަހުގެ 15 ގައި އެއާޕޯޓު ހުޅުވައި ދަތުރުތައް ފެށުން،" އޮފިޝަލު ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ރީޖަނަލް އެއާޕޯޓްސް އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.

ފުނަދޫ އެއާޕޯޓުގައި ގާއިމްކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

މީގެކުރިން ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފައިވަނީ މިއަހަރުގެ އޮގަސްޓް މަހު ތެރޭ ފުނަދޫ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށެވެ.

ފުނަދޫ އެއާޕޯޓަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި މިމަހުގެ އެއްވަނަ ދުވަހު ވަނީ ދަތުރުތައް ފަށައިފަ އެވެ.

މިހާރު ވެސް ހަތަރު އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އޭގެ ތެރޭ ހިމެނެނީ ގދ.މާވާރުލާއި ފަރެސްމާތޮޑާ އަދި ޅ މަޑިވަރުގެ އިތުރުން ހއ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތެވެ.

comment ކޮމެންޓް