މަރު ކޮމިޝަނުން ސުއޫދު އިސްތިއުފާ ދެއްވައިފި

މަރު ކޮމިޝަނުގެ ރައީސްކަން ކުރެއްވި ހުސްނުއްސުއޫދު: އޭނާ މިއަދު ވަނީ މަގާޟުން އިސްތިއުފާ ދެއްވާފައި --- ސަންފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރު ތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.

ކުރީގެ ބަންޑާރަނައިބުކަންވެސް ކުރައްވާފައިވާ މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު މަރު ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު ސުޕްރީމް ކޯޓަށް އައްޔަން ކުރާ ފަނޑިޔާރެއްގެ ގޮތުގައި ސުއޫދަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ރުހުން ދީފަ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭންގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ނިމިދިޔަ އަހަރެއް ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ މަރުތަކެއްގެ އަޑި ހޯދާފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލާފައި ތަފްސީލު ދެ ރިޕޯޓެއް އެކުލަވާލައި ވަނީ އާންމުކޮށްފަ އެވެ

އަދި އެމައްސަލަތަކާ ގުޅިގެން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަގޮތް ތަފްސީލުކޮށް ކިޔައިދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ހުސްނުއްސުއޫދު ވިދާޅުވި ނަމަވެސް އެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައެއް ނުވެ އެވެ. ސުއޫދު އިސްތިއުފާ ދެއްވުމުން ދެން މަރު ކޮމިޝަނުގައި ތިއްބަވާނީ ހަތަރު މެމްބަރުންނެވެ.

comment ކޮމެންޓް