ރައީސް ޔާމީންގެ މައްސަލައިގައި އިދިކޮޅުން ރައީސް ސޯލިހު އަރިހަށް

ރައީސް ޔާމީން އެ ޕާޓީގެ އޮފީސް ކުރިމަތީގައި: އެމަނިކުފާނު ދޫކޮށްލުމަށް އެދި އިދިކޮޅު ފަރާތްތަކުން ރައީސް ސޯލިހުއާ ބައްދަލު ކުރުމަށް މިއަދު ވަނީ ހަމަޖެހިފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑާރޝިޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ފަރާތްތައް މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް ސޯލިހުއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަން އެމަނިކުފާނުގެ ތަރުޖަމާނު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބައްދަލުވުމެއް ކަން އޭނާ ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގައި މިއަދި ބާއްވާ ބައްދަލުުވުމަކީ، ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީންގެ އަދަބު ލުއިކޮށް އެމަނިކުފާނު މިނިވަންކޮށް ދިނުމަށް އެދި އިދިކޮޅުން ރައީސް ސޯލިހުއަށް ދެންނެވުމަށް ބާއްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީގެ ލީޑާރޝިޕްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވާނެ ކަން އެނގިފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު މިހާރު ގެންދަވަނީ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ. އެ ހުކުމަކީ، ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަންނަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އަންނަ މަހު ހައެއްގެ ކުރިން ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މިދިޔަ ހުކުރު ދުވަހު އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.

comment ކޮމެންޓް