ނަޝީދާއެކު މަޖިލީހުގެ ބޮޑު ވަފުދެއް އިންޑިއާއަށް

އިންޑިއާއަށް ފުރުމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 13 އާ ހަމައަށް ކުރިއަށްދާ މި ދަތުރުގައި މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ގޮތުން 15 މެމްބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ވަފުދުގައި ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މަޖިލިސް ވަފުދުގެ މި ދަތުރުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި ސޮއިކުރާ އެމްއޯޔޫގެ ބޭނުމަކީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކޮށް ދެ މަޖިލީހުގެ ދެމެދުގައި އެކިއެކި ބައިލަންއަގުވާމީ ކަންތައްތަކާ ގުޅޭ ގޮތުން އެއްބާރުލުން ދިނުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މި އެއްބަސްވުމުގެ ދަށުން، ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ އެވެ.

މީގެ އިތުރުން މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން އޮނިގަނޑެއް އެކުލަވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް