ރައީސް ނަޝީދުގެ ނާކާމިޔާބީ: އިންދާ ގަހެއް ނުހެދުން

ރައީސް ނަޝީދު: ހަޔާތުގެ ނާކާމިޔާބަކީ އަމިއްލަ އަށް އިންދާ ގަސް ނުހެދުން ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ހަޔާތުގެ އެންމެ ބޮޑު ނާކާމިޔާބަކީ އަމިއްލައަށް އިންދާ ގަސްތައް ނުހެދުން ކަމަށް ރައްޔިންތުގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޖިލީހުން ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި، އެންމެ ބޮޑު ނާކާމިޔާބީއަކީ ކޮބައިތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ވަރަށް ސަކަ ގޮތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އަމިއްލަފުޅަށް އިންދާ ގަސްތައް ރޯ ނުވުން ކަމަށެވެ. ނަމަވެސް އަނބިކަބަލުން ލައިލާ އަލީ އިންދާ ގަހެއް ނަމަ އެ ގަހެއް ހެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލައަށް ޖަހައިގެން އިންދާ ގަހެއް ވަރަށް އުދަނގޫ އެ ގަހެއް ރޯ ކުރަން. ހަމަ ލައިލާ ޖެހީ އެ ރޯވޭ. ދެން އަޅުގަނޑަކަށް ނޭނގޭ އެހެން ގޮތެއް ހައްދަވަނީ ކަމެއް. ނަމަވެސް އެންމެ ފަހުން އަޅުގަނޑު އިންދި ދެ ގަސް އެބަ ރީތިކޮށް ރޯވޭ،" ހަޔާތުގެ ނާކާމިޔާބަކީ ކޮބާތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ މީހެއްގެވެސް އަމިއްލަ ހަޔާތުގައި ދިމާވާނެ ނާކާމިޔާބު ކަންކަން ހުންނާނެ ކަމަށާއި އެމަނިކުފާނު އަކީ ވަރަށް ގިނަ ކަންކަމުގައި ނާކާމިޔާބު މީހެއް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަށް ރައީސް ނަޝީދު ވަޑައިނުގަނަންނަވަ އެވެ.

ހަޔާތުގެ އެންމެ ބޮޑު ކާމިޔާބަކީ ކޮބާތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ގެނައުމަށް ކުރެއްވި މަސައްކަތް ކަމަށެވެ.

"މި ކަމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާ އަދި ސުލްހަވެރި ސިޔާސީ ހަރާކާތް ހިންގުމުގެ މިނިވަންކަން. އެކަންކަމަކީ، ގައުމެއް، [އަދި] ގައުމިއްޔަތެއް ބިނާ ކުރުމަށް ބޭނުންތެރި ކަންކަން. އެކަންކަމުގައި މިދިޔަ 15-20 އަކަށް އަހަރު އަޅުގަނޑަށްވެސް އުޅެއްވިއްޖެ. އެއީ ކުރެވުނު ކަމެއްގެ ގޮތުގައި ބައެއް ފަހަރު ހިތަށް އަރާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ތައާރަފްވީ، 2005 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ، ރައީސް ނަޝީދު ލީޑް ކުރައްވާ މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އެވެ. އެގޮތުން 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނު އަސާސީގެ ދަށުން ކުރިން ހިފެހެއްޓިފައިވާ ގިނަ ހައްގުތައް ލިބިގެންދިއަ އެވެ. އޭގެ ތެރޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަން އަދި ސުލްހަވެރި ސިޔާސީ ހަރާކާތް ހިންގުމުގެ މިނިވަންކަން ލިބިގެންދިޔަ އެވެ.

comment ކޮމެންޓް