މުޖުތަމައުގެ ހަމަޖެހުމަށް ރިޔާސީ ނިޒާމް ރަނގަޅެއް ނޫން: ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާސްކް ސްޕީކާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ގައުމެއް ހިންގައި މުޖުތަމައުއަށް ހަމަޖެހުން ގެންނަން އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހާއި ޕީއެސްއެމް ގުޅިގެން މިރޭ ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު ކޮށްފަ އެވެ.

މި ސަރުކާރުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލައި، ނަޝީދު ބޮޑުވަޒީރަކަށް ވާން މަސައްކަތް ކުރައްވާކަމަށް އެކި ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތު ތަކާ ގުޅިގެން ވެސް ބައެއް ސުވާލުތައް އެމަނިކުފާނަށް ރޭ އަމާޒުވި އެވެ.

އާންމުންގެ ފަރާތުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވި ބޭފުޅެއް ނޫން ކަމަށާއި، ސްކޫލް ދައުރުން ފެށިގެންވެސް އެމަނިކުފާނު ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަށް އެހާ ތާއީދުކޮށް އުޅުނު މީހެއް ނޫން. އަދި އަޅުގަނޑު ނުދެކެން މުޖުތަމައުއެއްގެ ހަމަޖެހުން ގެންނާކަށް، ގައުމެއް ހިންގާކަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަކަށްވެސް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެގޮތަށް ބަދަލުކުރާނީ ދިވެހިރާއްޖޭގެ ރައްޔިތުން ކަމަށެވެ.

އެގޮތަށް ވެރިކަމުގެ ނިޒާމު ބަދަކުކުރައްވަން އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާ ގޮތުން މުޅި އެމްޑީޕީ އެކަމައިގެން އުޅެން ބޭނުންވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

--- ފޮޓޯ/ މަޖިލިސް

"އަޅުގަނޑަށް ފެންނަ ގޮތުގައި އެމްޑީޕީގެ ވަކި ބަޔަކު ނުކުމެ ކުރަން އުޅޭ ބާވަތުގެ ކަމެއް ނޫން މިކަމަކީ. އެކަން އަޅުގަނޑުމެން ކުރާން ޖެހޭނީ އަޅުގަނޑުމެން އެންމެން އެކީގައި އެކަން ކުރެވޭ ގޮތަށް ކަންކަން ތަރުތީބުވެގެން އައިސް،" ނަޝީދު ވިދާޅުވި އެވެ.

ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެތޯ މީހަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް އަތުވެއްޖެނަމަ، އަދި އެގޮތަށް ނިޒާމު ބަދަލުވެ ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާ، މެޖޯރިޓީ ޕާޓީގެ ލީޑަރު ކަމުގައި ވާނަމަ އެމަނިކުފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެފައި، އިންތިހާބަށް އަޅުގަނޑު ކުރިމަތިލާ ކަމަށް ވިއްޔާ އަދި އަޅުގަނޑަކީ މެޖޯރިޓީ ޕާޓީގެ ލީޑަރު ކަމަށް ވަނީ ވިއްޔާ، އަޅުގަނޑު ވާނީ ބޮޑުވަޒީރަކަށް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް 2008 ވަނަ އަހަރު ރައީސްކަމަށް އިބްތިހާބުވެވަޑައިގަތުމަށް ފަހު ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި އަލުން އިންތިހާބަކަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އަދި މިހާރު އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު، މަޖިލީހުގެ ރައީސްކަމުގައި އިންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް