ޕިކަޕް ޑްރައިވަރަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ޕިކަޕެއް ދުއްވާފައި ދަނީ. އެކްސިޑެންޓަކާ ގުޅިގެން ޕިކަޕް ޑްރައިވަރަކަށް މަރުގެ އިންޒާރު ދިން މީހަކު ވަނީ ހައްޔަރުކޮށްފައި ...

މިއަދު ހަވީރު މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން، ޕިކަޕް ޑްރައިވަރަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހަވީރު 15:57 ހާއިރު ބުރުޒުމަގާއި ކަލާފާނު ހިނގުން ގުޅޭ ކަންމަތިން ޕިކަޕާއި ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގި ވަގުތު ސައިކަލުގެ ފަހަތުގައި އިން މީހާ ޕިކަޕް ޑްރައިވަރަށް މަރުގެ އިންޒާރުދީ އެ ޕިކަޕުގައި ފައިން ޖަހާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މަރުގެ އިންޒާރު ދިން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވީ ސައިކަލު ދުއްވަން އިން 24 އަހަރުގެ މީހާ އާއި ޕިކަޕް ދުއްވަން އިން 57 އަހަރުގެ މީހާގެ އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޕިކަޕު ޑްރައިވަރަކަށް މަރުގެ އިންޒާރު ދީގެން ރިޕޯޓުކޮށްފައިވާއިރު ނިމިދިޔަ ހަފްތާގައި ކާރު ޑްރައިވަރެއް ވަޅިން ހަމަލާދީ ވަނީ މަރާލާފަ އެވެ. އަދިވެސް އެމައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.

comment ކޮމެންޓް