ސުޕަ މެޖޯރިޓީ ހައްގު ގޮތުގައި ބޭނުންކުރަން އިދިކޮޅުން ގޮވާލައިފި

ޕީޕީއެމް- ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑްވޭވް ސަލީމް ވާހަކަދައްކަވަނީ--- ފޮޓޯ: ޕީޕީއެމް

ސުޕަ މެޖޯރިޓީއާއެކު ލިބިފަިއވާ ބާރުގެ ބޭނުން ހައްގުގޮތުގައި ބޭނުންކުރަން އިދިކޮޅު ޕީޕީއެމް- ޕީއެންސީއިން ގޮވާލައިފިއެވެ.

ޕީޕީއެމް ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ކޯލިޝަން ހައްދަވައިގެން މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ ސީދާ ޖުޑިޝަރީ އިސްލާހު ކުރަންކަަމަށް ކުރިން ހީވި ކަމަށެވެ.

އެގޮތުން ޖުޑީޝިއަރީއަށް ވަރުގަދަ އިންގިލާބެއް ގެންނަވައި އިސްލާހު ގެންނަވާނެކަމަށް ހީކުރެވުނަސް ކުރިއަށްވުރެ ޖުޑީޝިއަރީ ގޯސްވިކަން ސަލީމް ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަޖިލީހުން ރުހުން ދިން ގާނޫނީ ވަކީލް ހުސްނުއް ސޫދަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކަށް ސަރުކާރުގެ އެކްޓިވިސްޓުން ލަމުންދާތަން ފެންނަމުންދާ ކަމަށެވެ.

"މީގެ ކުރިން ސުޕްރީމްކޯޓަށް މީހުން އައްޔަނުކުރާއިރު ހުރިހާ ޕާޓީތަކުގެ ވިސްނުން ބޭނުންކުރޭ. ހަމަގައިމުވެސް ކުރީގައި އޮތް ސުޕްރީމްކޯޓު އައްޔަނުކުރުމަށްޓަކައި އޭރު އޮތް ހުރިހާ ޕާޓީތަކެއްގެ މެދުގައި މަޝްވަރާތަކެއް ހިނގި." އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކުރީގެ ސުޕްރީމްކޯޓަށް ހަތް ފަނޑިޔާރުން އައްޔަނުކުރިއިރު ފަނޑިޔާރުން އައްޔަނުކުރީ އެމްޑީޕީ އަދި ޕީޕީއެމްގެ މެދުގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެހެން ނަމަވެސް މިހާރު ސުޕްރީމްކޯޓަށް މެމްބަރުން އައްޔަނުކުރަނީ ސަރުކާރުގެ ބާރު އޮތުމުން ބޭނުންވާ ގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖޭގައި އިހުލާސްތެރި މީހުން ސުޕްރީމްކޯޓަށް ލާން އެބަހުރިކަން ސަލީމް ވަނީ ފާހަގަކުރައްވައިފައެވެ.

"ހަގީގަތުގައި ބާރެއް ލިބުމަކީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމެއް ނޫން. އެ ބާރު އަޅުގަނޑުމެން ބޭނުންކުރަން ޖެހޭނީ ހަމަގޮތުގައި. ބާރަކީ އަބަދު އޮންނާން ޖެހޭނެ އެއްޗެއް ނޫން. ބާރަކީ އިސާހިތަކު ނިކަމެތިވެގެންދާނެ އެއްޗެއް. އެގޮތް އަޅުގަނޑުމެން ގަބޫލްކުރަން ޖެހޭނެ. އަޅުގަނޑު މިގޮވާލަނީ މަޖިލީހުގައި ސުޕަ މެޖޯރިޓީއޮތް މީހުންނަށް އެ ބާރު ހައްގުގޮތުގައި އަދާކުރާށޭ" ސަލީމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްއަށް މެމްބަރުން އިތުރުކުރާތީވެސް އިދިކޮޅުން މިރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ އިން މޭޔަރާއެކު 19 ގޮނޑި އަށް މީހުން އިންތިހާބު ކުރަން ވަނީ އިސްލާހު ގެނެސްފައެވެ. އަދި އެ އިސްލާހުގެ ދަށުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ވަނީ ކަނޑައަޅައިފައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްއިން މަސައްކަތް ކުރަންވާ ވަރަށް "ނުހިނގާ" ކަަމަށް އެއްމެނަށްވެސް އެނގޭ ކަމަށެވެ.

މާލޭ ސިޓީގައި މިވަގުތު މުޅިން ކަހަލަ ގޮތަކަށް ތިއްބަވަނީ އެމްޑީޕީއށް ނިސްބަތްވާ މެމްބަރުންނެވެ. އިދުކޮޅުގެ އެއްވެސް މެމްބަރެއް ނެތި މާލޭ ސިޓީ ކައުންސިލްގައި ހިޔާލު ތަފާތު ވާނެ އެއްވެސް ކަމެއް ކުރިމަތިނުވާނެކަމަށާއި އެހެންކަމުން އެބޭފުޅުން ބޭނުންވާ ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވެން ޖެހޭނެ ކަމަށެވެ.

" އެހެންނަމަވެސް ގަބޫލްކުރަން ޖެހޭނެ ހަގީގަތަކީ މާރުކޭޓް އެކަންޏެއް ނޫން. ސިޓީ ކައުންސިލްއަށް އެއްވެސް ކަމެއް ނުވޭ. މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަސް ފޯރުކޮށްދޭން ޖެހޭ އެއްވެސް ހިދުމަތެއް ފޯރުކޮށެއް ނުދެވި މާލެ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު ފޭލިއާއެއް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެންމެ ފަހުން އަޅުގަނޑު ބައިވެރި ލާމަރުކަޒީ ކޮމެޓީގައިވެސް އަޅުގަނޑު ދެންނެވިން މިއަދު އެބަޖެހެއޭ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވަން." ޝިޔާމް ވިދާޅުވިއެވެ.

މާރުކޭޓްގެ މައްސަލައަކީވެސް ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް އަދި މާރުކޭޓް ގޮޅިތައް ތަޅާލަން ނިންމިއިރު ވަގުތީ ގޮޅިތަކެއް އަޅަން ނުކުޅެދިފައި އޮތުމުން އެކަމަށް ފާޑިުވިދާޅުވެ ޝިޔާމް ވިދާޅުވީ އެވަރުގެ ބަޔަކު މާލޭ ސިޓީ ކައުންސިލްގައި ތިބެން ޖެހޭނެ ކަމަކަށް ގަބޫލް ނުކުރައްވާ ކަަމަށެވެ.

ކޮންމެ ކައުންސިލްއަކުންވެސް ވަރަސް މުނިސިޕަލް ކަންތައްތަކެއް ކޮށްދޭން ޖެހޭއިރު މެމްބަރުން އިތުރުކޮށްގެންގެން ކޮށްދެވޭނީ ކޮންކަމެއްތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.

ކުރިން ޕީޕީއެމްގެ ސަރުކާރުގައި މާލޭ ސިޓީ ކައުންސިލްގެ ދައުރު ހަނިކޮށްގެން އެ ސީޓީ ކައުންސިލްގެ ޒިންމާތައް ސަރުކާރަށް ނަގައިގެން ވަނީ ހިދުމަތްތައްވެސް ދީފައެވެ.

" ވަރަށް އުފަލާއެކު ދަންނަވަން ކެރޭނެ ގާނޫނުން އެ (ސިޓީ ކައުންސިލްގެ) ޒިންމާތައް ހަނިކޮށްގެންވެސް ރައްޔިތުންނަށް ފޯރުކޮށްދޭނެް ޖެހޭ ކަންތައްތައް އޮންނާނީ ފޯރުކޮށްދީފަ. އަޅުގަނޑުމެންގެ މެމްބަރަކު ސިޓީ ކައުންސިލްއަށް އިންތިހާބު ވެއްޖެކަމުގައި ވާނަމަ އަޅުގަނޑުމެންނަށް އެނގޭ ޑެލިވާ ކުރާނެކަން. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ މެމްބަރުންނަކީ އިޚްލާސްތެރިކަމާއެކީ މަސައްކަތްކުރާ ބައެއްކަން." ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ނިސްބަތުން އަތޮޅުތަކަށް ދީފައިވައިވާ ބަޖެޓަށް ވުރެ ބޮޑު ބަޖެޓެއް މާލޭ ސިޓީކައުންސިލްތަކަށް ދީފައިވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލްއަށް 170 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު އަތޮޅުތަކަށް ކަނޑައަޅާފައިވަނީ 230 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަލީމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްއަށް އެހާ ބޮޑު ބަޖެޓެއް ކަނޑައެޅިއިރު މާލޭގައި ހިންގާ ހުރިހާ ޕްރޮޖެކްޓްތަކެއް ހިންގާނީވެސް ދައުލަތުން ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލްގައި މިހާރުވެސް ކޮރަޕްޝަންގެ މައްސަލަތައް ހިމެނުމުން އެ ސިޓީ ކައުންސިލްގައި އިތުރަށް ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް