ކުޅުދުއްފުށި ފެހި ކުރަން އިތުރު 100 ގަސް އިންދައިފި

ކުޅުދުއްފުށީގައި މިއަދު ކުރިއަށް ގެންްދިޔަ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން: އެ ރަށުގައި ހުންނަ މުއައްސަސާތަކުން އެ ހަރަކާތުގައި ބައިވެރިވި -- ފޮޓޯ/ ކުޅުދުއްފުށި ކައުންސިލް

ރާއްޖޭގެ ރަށްތައް ފެހި ކުރުމަށް ސަރުކާރުން ފެށި ރަށްފެހި ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގައި އިތުރު 100 ގަސް އިންދައިފި އެވެ

ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ކުޅުދުއްފުށީގައި ރަށްފެހި ޕްރޮގްރާމު ފެށީ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ. އެ ދުވަހު އެ ރަށުގެ ބޮޑު މަގު، އަމީނީ މަގުގައި ވަނީ ހިޔާ ލިބޭ ފަދަ 20 ގަސް އިންދައިފަ އެވެ.

ރަށްފެހި ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށި އިތުރަށް ފެހި ކުރުމަށް މިއަދުވެސް އެ ރަށުގެ މުއައްސަސާތައް ގުޅިގެން ވަނީ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ކުޅުދުއްފުށީގެ އެންމެ ބޮޑު ދެ މަގު ކަމުގައިވާ އަމީނީމަގާއި ބަންޑާރަ މަގުގައި 100ގަސް ވަނީ އިންދާފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނި ގޮތުގައި އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށީގައި އަލަށް ތަރައްގީ ކޮށްފައިވާ މަގުތަކުގެ ހަނަފަސްކަން ކަނޑުވައި މަގުތައް ޒީނަތްތެރި ކުރުމާއި، ގަސްތަކުން ލިބޭ ސިއްހީ އަދި ތިމާވެށީގެ ފައިދާތައް ރައްޔިތުންނަށް ލިއްބައިދިނުމެވެ. އޭގެ އިތުރުން މަގުތަކުން އަރާ ހިރަފުސް ކޮންޓްރޯލް ކުރުމާއި، ރަށުތެރެ ފިނި ކޮށްދިނުމާއި، ހޫނުގަދަވުމުގެ ސަބަބުން މަގުތައް ބޭނުން ކުރަން އުނދަގޫވާފަރާތްތަކަށް ފަސޭހަކޮށްދިނުމަކީވެސް އެ ހަރަކާތުގެ މަގުސަދެއް ކަމަށް ކައުންސިލުން ބުންޏެވެ.

ކޮންމެ ރައްޔިތަކުވެސް ކުޅުދުއްފުށީގައި އިންދާފައިވާ ގަސްތައް ހިމާޔަތް ކުރުމަކީ އެފަދަ ފައިދާތަކަށް ވާސިލުވެވޭނެ ކަމެއް ކަމަށް ކައުންސިލުން ފާހަގަކުރި އެވެ.

ކުޅުދުއްފުށީގައި މިއަދު ކުރިއަށް ގެންްދިޔަ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން: އެ ރަށުގައި ހުންނަ މުއައްސަސާތަކުން އެ ހަރަކާތުގައި ބައިވެރިވި -- ފޮޓޯ/ ކުޅުދުއްފުށި ކައުންސިލް

މިއަދު ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމުގައި ކުޅުދުއްފުށީގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވި އެވެ. އެކަމަށްޓަކައި ކުޅުދުއްފުށީ ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުޅުމާލޭގައި ރަށްފެހި ޕްރޮގްރާމު ފަށައި ރައީސް ސޯލިހު އެ ވައުދު ފުއްދެވީ 15 ޑިސެމްބަރު 2018 ގަ އެވެ.

comment ކޮމެންޓް