އިންޑިއާގެ ޕާލިމެންޓާއެކު އެމްއޯޔޫގައި ސޮއިކުރަން މަޖިލީހުން ރުހުން ދީފި

އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މި އެމްއޯޔޫގައި ސޮއިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެމްއޯޔޫގައި ސޮއިކުރަން 68 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކިކޮޅަކަށް ޖެހިވަޑައި ނުގެން އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ލޮކް ސަބާ އާއެކު އެމްއޯޔޫގައި ސޮއިކުރަން މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއަކުންވެސް ވޯޓުދިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާގެ ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެ އެމްއޯޔޫގައި ސޮއިކުރާނީ، މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތައް ހިމެނޭގޮތަށް މިމަހުގެ ނުވަޔަކުން 13 އަށް އެމަނިކުފާނު އިންޑިއާ އަށް ކުރާ ދަތުރުފުޅުގެ ތެރެއިންކަމަށެވެ.

އެ އެމްއޯޔޫ ހެދުމުގެ ބޭނުމަކީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކޮށް ދެ މަޖިލީހުގެ ދެމެދުގައި އެކިއެކި ބައިލަންއަގުވާމީ ކަންތައްތަކާ ގުޅޭ ގޮތުން އެއްބާރުލުން ދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި އެމްއޯޔޫ ދިވެހިބަހަށް ތަރުޖަމާކޮށް މިމަހުގެ ފަސްވަނަ ދުވަހު މަޖިލީހުގެ އާންމު ކޮމެޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކަސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި ސޮއިކުރާ މި އެއްބަސްވުމުގެ ދަށުން، ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން އޮނިގަނޑެއް އެކުލަވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.

"މީގެ އިތުރުން ދެފަރާތުންވެސް ގަވައިދުގެ ތެރެއިން މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ލޮކް ސަބާގެ އިތުރުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ އެކު ރައްޔިތުންގެ މަޖިލީހުން ބާއްވާ ގުޅުންތައް ބަދަހިވަމުންދާ ކަމަށެވެ.

comment ކޮމެންޓް