ދައުލަތުން ދެވޭނެ އެންމެ ބޮޑު ބަދަލެއް ކަނޑައެޅުމަށް މަޖިލީހުން ލަފާ ދިނުމަށް ފާސްކޮށްފި

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ދައުލަތުން އެކި ފަރާތްތަކާއެކުވާ އެއްބަސްވުންތައް އުވާލުމުން، ނެގޭނެ އެންމެ ބޮޑު ބަދަލެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްވީ، ދައުލަތުން އެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން ދޭންޖެހޭ މާލީ ބަދަލުތައް ދިނުމުގައި ދައުލަތަށް ބުރަ ނުވާނޭ އުސޫލެއް ގާއިމްކޮށް އޭގެ ދަށުން ދިނުމަށް ގޮވާލާ ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުށަހެއްޅުއްވި ގަރާރާ ގުޅިގެން ކޮމިޓިން ނިންމި ގޮތުގެ ރިޕޯޓުންނެވެ.

މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓު ފާސްވީ، ވޯޓްގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުން އެވެ.

ރިޕޯޓުގައި ބަދަލު ދިނުމުގެ މައްސަލައާ ގުޅިގެން ޖުމްލަ ހަ ކަމެއް ކުރުމަށް ވަނީ ލަފާ އަރުވަން ނިންމާފައެވެ.

އޭގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް ނިންމާފައިވަނީ، ސަރުކާރުން ސޮއި ކުރާ އެއްބަސްވުންތަކުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަ އަޅަން ޖެހޭނެ ކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ލާޒިމްކޮށް، ދައުލަތުގެ މާޅިއްޔަތު ގަވާއިފު އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުމަށެވެ. އަދި ބަދަލު ދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައެޅުއްވުމަށްފަހު، އެކަން އެއްބަސްވުންތަކުގައި ހިމެއްވުމަށް އެޓާނީޖެނަރަލްއަށް ދެނެވުމަށްވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ކަމާ ގުޅުންހުރި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށާއި ބައެއް ގާނޫނުތަށް ހެދުމަށްވެސް ލަފާ ދިނުމަށް ކޮމިޓީ ރިޕޯޓުގައި ބުނެއެވެ. އެގޮތުން، މަދަނީ އިޖުރާއަތުގެ ގާނޫނެއް އެކުލަވާލެއްވުމަށާއި، އެއްބަސްވުންތައް އުވާލުމުން ބަދަލު ދޭން ޖެހޭނެ އުސޫލާއި، ޖޫރިމަނާގެ ގޮތުގައި ނަގައިދެނޭނެ ކަމަށް ކަނޑައަޅާނަމަ، އެ އުސޫލެއް ކޮންޓްރެކްޓް ގާނޫނުގައި ހިމެނުމަށް އެޓާނީ ޖެނެރަލްއަށް ދެންނެވުމަށް ވަނީ ކޮމިޓީ ރިޕޯޓުގައި ހިމަނާފައެވެ.

ދައުލަތުގެ މުވައްޒަފަކު، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އިހުމާލުވެގެން ދައުލަތަށް ގެއްލުމެއް ލިބިއްޖެ ނަަމަ، އެއްގެލުމަކަށް އެ މުވައްޒަފަކު ފަރުދީގޮތުން ޒިންމާވާން ޖެހޭނެ ކަމަށް ހިމަނައި، މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށްވެސް އެޓާނީ ޖެނެރަލްއަށް ދެންނެވުމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ދެން ކޮމިޓީން ނިންމާފައިވަނީ، އެއްބަސްވުމުގެ ދަށޫން ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދުކުރަން ޖެހދާނޭކަމަށް ލަފާކުރެވޭ ފައިސާގެ ތަފްސީލު ހޯދައި، އެ މައުލޫަތު މަޖިލީހުން ދިރާސާ ކުރުމަށެވެ.

ބަދަލު ދިނުމާ ގުޅޭގޮތުން ގިނަ ކަންކަން ނިންމައި، ހިސާންގެ ގަރާރު މަޖިލީހުން މިއަދު ފާސްކުރި އިރު، މި ސަރުކާރުން އެކި ފަރާތްތަކަށް ދިން ބަދަލުގެ އަދަދު މިހާތަނަށް 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.

comment ކޮމެންޓް