އަޅުގަނޑު ޖޭއެސްސީއިން ދުރުވެއްޖެ ނަމަ ރާއްޖެއަށް ބޮނޑި ލިބޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް -- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްމަރު ކަމުން އެމަނިކުފާނު ދުރައް ޖެހިވަޑައިގަތުމަކީ، ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށް، ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ، މިއަދު މަޖިލިސް ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު، ނަޝީދު ޖޭއެސްސީއިން ދުރަށް ވަޑައިގަތުމަށް ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން އެވެ.

"ޖޭއެސްސީން މަނިކުފާނު [ރައީސް ނަޝީދު] ދުރުވެވަޑައިގަތުމަކީ، މިގައުމުގެ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެއީ މަނިކުފާނަކީ ސިޔާސީ ދާއިރާގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ރަނގަޅު ބޭފުޅަކަށް ވެފައި، އަދި މަނިކުފާނަކީ ރަނގަޅު މުސްތަގުބަލެއް އޮތް ބޭފުޅަކަށް ވާތީ، މިދެބައި އެއްކޮށްލައިގެން ކުރައަށް ދިއުމަކީ ރަނގަޅުކަމަކަށް ނުވާނެތީ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފުގެ އެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވާގެން ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ރައްޔިތުން އެދޭ ގޮތަށް އެކަންކޮށް ނިންމަވާނެ ކަމަށެވެ.

"މިވަގުތު ޖޭއެސްސީގައި އަޅުގަނޑު އިން މަގާމުން ދުރަށް ޖެހުމަކީ، މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި،" ޖޭއެސްސީގެ މެމްބަރު، ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު އިތުރަށް ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ރަނގަޅު ނޫން ކަމަށް ޝަރީފު ވިދާޅުވި އިރު، އިދިކޮޅުގައި އެމްޑީޕީ އޮޮތް އިރުވެސް، ޖޭއެެސްސީ އެކުލެވިގެންވާ ގޮތް ގޯސްކަމަށް އޭރު އެޕާޓީން ވަނީ ބުނެފަ އެވެ. އަދި ރިޔާސީ ކެމްޕެއިން ތެރޭގައި ޖޭއެެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ވެރިކަން ލިބި މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބުމުން އެމްޑީޕީއިން ވަނީ ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ނުވިސްނާ ކަމުގެ އިޝާރާތެއް ދީފަ އެވެ.

ޖޭއެސްސީ މިހާރު ތިއްބަވަނީ، ރައްޔިތުންގެ މަޖިލިސް ރައީސް، މަޖިލިހުން ކަނޑައަޅާ މެންބަރެއް، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ބަންޑާރަ ނައިބު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއް، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއް އަދި އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރެކެވެ.

comment ކޮމެންޓް