ސައުތު އޭޝިއަން ގޭމްސް: އަންހެން އަދި ފިރިހެން ބާސްކެޓު ޓީމަށް ހިތްދަތި ފެށުމެއް

ސައުތު އޭޝިއަން ގޭމްސް: ރާއްޖެއާ ބަންގްލަދޭޝް ވާދަ ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލް، ކަތަމަންޑޫ: ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓު ބޯޅަ މިއަދު ފެށި އިރު ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވެސް ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައ މިއަދު ގައުމީ ފިރިހެން ބާސްކެޓް ބޯޅަ ޓީމާއި ބަންގްލަދޭޝްގެ ފިރިހެން ބާސްކެޓް ބޯޅަ ޓީމު ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވީ 11 ޕޮއިންޓްގެ ތަފާތަކުންނެވެ. އަންހެން ޓީމު ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާއާ ވާދަކޮށް ބަލިވީ 123 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ.

ސައުތު އޭޝިއަން ގޭމްސް: ރާއްޖެއާ ބަންގްލަދޭޝް ވާދަ ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ޗައިނާގައި ރަނގަޅު ފެންވަރުގެ ތަމްރީންތަކެއް ފުރިހަމަކުރުމަށްފަހު ގްރޫޕް ސްޓޭޖުގައި ރާއްޖެގެ ފިރިހެން ޓީމު ބަނގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރގައި ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރ ނިމުނުއިރު ރާއްޖެ އޮތީ 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ 19 ޕޮއިންޓް 9 ޕޮއިންޓުންނެވެ.

ފުރަތަމަ ކުއާޓަރއާ ޙިލާފަށް މެޗުގެ ދެވަނަ ކުއާޓަރ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ބަނގްލަދޭޝުން ދެވަނަ ކުއާޓަރގައި ރާއްޖެއާއި އެއްވަރެއްގައި ޕޮއިންޓް ހިފެހެއްޓިއެވެ. ދެވަނަ ކުއާޓަރ ބަނގްލަދޭޝަށް ކާމިޔާބުކުރެވުނީ ރާއްޖެއަށްވުރެއް އެންމެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. އެއީ 34 ޕޮއިންޓް 33 ޕޮއިންޓުންނެވެ.

މެޗުގެ ތިން ވަނަ ކުއާޓާ ފަށައިގެން ދިވެހި ޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. ތިންވަނަ ކުއާޓަރ ރާއްޖޭން ކާމިޔާބުކުރީ 56 ޕޮއިންޓް 50 ޕޮއިންޓުންނެވެ.

މެޗުގެ ފަހު ސެޓު ކާމިޔާބުކުރުމަށް ދެ ޓީމުވެސް ދިޔައީ ގާތްގާތުގައި ޕޮއިންޓްތައް ހޯދަމުން ދިޔަ އިރު ހަތަރުވަނަ ކުއާޓާގެ ފުރިހަމަ ވަގުތު ހަމަވިއިރު 67 ޕޮއިންޓް 67 ޕޮއިންޓުން ދެޓީމުވެސް ވަނީ ހަމަހަމަވެފައެވެ.

އެހެން ކަމުން ނަތީޖާ ނެރުމަށް ކުޅުނު ފަސް މިނެޓުގެ ތެރޭގައި ބަނގްލަދޭޝުންވަނީ ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ހޯދުމުގެ ފުރުސަތު ނުދީ 78 ޕޮއިންޓް 67 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މުޙައްމަދު ޒިލާލެއެވެ. އޭނާ ވަނީ މި މެޗުގައި ރާއްޖެއަށް 21 ޕޮއިންޓް ހޯދައިދީފައެވެ. ބަނގްލަދޭޝް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެޓީމުގެ ކެޕްޓަން އެމްޑީ ޝަމްސުޒަމާން ޙާންއެވެ. އޭނާ ވަނީ މި މެޗުގައި 30 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

ރާއްޖޭގެ އަންހެން ޓީމު މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން ބަލިވީ 156-33 ގެ ބޮޑު ތަފާތަކުންނެވެ.

އެ މެޗުގެ ފުރަތަމަ ކުއާރޓާގައި އިންޑިއާއިން 31 ޕޮއިންޓް ހޯދި އިރު ރާއްޖެއަށް ލިބުނީ އަށް ޕޮއިންޓެވެ. ދެވަނަ ކުއާޓާފައި ކުޅެން ނުކުމެ އިންޑިއާިން 64 ޕޮއިންޓަށް ލީޑު ފުޅާ ކުރި އިރު ރާއްޖެއަށް ހަމަ ކުރެވުނީ 19 ޕޮއިންޓެވެ. އިންޑިއާއިން ތިން ވަނަ ކުއާޓާގައި 103 ޕޮއިންޓާ އަރައި ހަމަ ކުރި އިރު ރާއްޖެއަށް ލިބުނީ އެންމެ 26 ޕޮއިންޓެވެ. ފަހު ކުއާރޓާގައި އިންޑިއާ އިން މެޗު ނިންމާލީ 156 ޕޮއިންޓާ އެކު އެވެ.

ސައުތު އޭޝިއަން ގޭމްސް: ރާއްޖެއާ ބަންގްލަދޭޝް ވާދަ ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މި މުބާރާތުގައި ފިރިހެނުންގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ކުޅޭ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. އަންހެން ޓީމު ދެން މެޗެއްގައި ވާދަކުރާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

comment ކޮމެންޓް