މީރާއިން ފިޔަވައްޗަށް 65،000 ރުފިޔާ ހަދިޔާކޮށްފި

މީރާއިން ފިޔަވައްޗަށް 65،000 ރުފިޔާ ހަދިޔާކުރުން -- ފޮޓޯ: މީރާ

ފިޔަވަތީގައި ކްލާސްރޫމެއް އެޅުމަށް މޯލްޑިވްސް އިންލެންޑް ރެވެލިޔު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން 65،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ފައިސާ އަކީ މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މީރާ އިން ބުންޏެވެ.

މި ފައިސާ ހަދިޔާކުރުމަށް އިއްޔެ ފިޔަވަތީގައި ބޭއްވި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބޭ ކުދިންނާއެކު ކުޅިވަރުގެ ހަރަކާތުގައި ބައިވެރިވެ، އެކުދިންނާއެެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

އެ ހަވީރުގައި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އަސްމާ ޝަފީއުގެ އިތުރުން މީރާގެ ގިނަ މުވައްޒަފުން ބައިވެރިވިކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.

މީރާއިން ފިޔަވައްޗަށް ދިން އެހީ އާއި ގުޅޭގޮތުން މި ކޮމިޝަނާ ޖެނެރަލް ފަތުހުﷲ ޖަމީލް ވިދާޅުވީ މއިީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

އިއްޔެގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޒީނާ ގާސިމް ވިދާޅުވީ މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ލިބިގެންދާ އެހީތަކަކީ މިފަދަ ތަންތަން ހިންގުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން މުޢައްސަސާތަކުން ވެސް މިފަދަ ހަރަކާތްތައް ކުރިއައް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޒީނާ ވިދާޅުވިއެވެ.

comment ކޮމެންޓް