މަސްވެރިންގެ ދުވަހާ ދިމާކޮށް ފިޝަރީޒް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން "ހިނގާ މަހަށް"ގެ ނަމުގައި ރޭވި މަސް ދަތުރު ފަށައިފި އެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދާ އެ މަސްދަތުރު ފެށީ އިއްޔެ މެންދުރުފަހު 3:00 ގައެވެ.
އެ މަސްދަތުރު ވާދަވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބައިވެރިން ވަނީ 2 ދޯންޏަކަށް ބަހަލާފަ އެވެ.
ދަތުރުގެ ފުރަތަމަ ދުވަހު ފަރު މަސް ބޭނުމުގެ ހަރަކާތެއް ވެސް ރާވާފައިވާއިރު، ދޮށީގެ މަސްވެރިކަން ކުރުމަށްޓަކައި މަސް ދޯނިތައް ކަނޑަށް ނިކުންނާނީ ހޮނިހިރު ދުވަހު ފަތިހު އެވެ.
މަސް ބޭނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މިއަދު ހެނދުނު 6:00 އިން 10:00 އާ ހަމައަށެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް ފެށި މަސްދަތުރުގެ އިތުރުން ފިޝަރީޒް މިނިސްޓްރީން އިތުރު ހަރަކާތްތަކެއް ވެސް ވަނީ ރާވާފައެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.