އެންމެންނަށް ޓަކައި ތެދުވީ "ވިލިޖޯލި"

ވިލިޖޯލީގެ ބައެއް މެންބަރުން -- ފޮޓޯ:ޓްވިޓާ

އެއީ މިހާތަނަށް ފެނުނު އެންމެ ތަފާތު އެއް ފުޓްސަލް ޓީމެވެ. ދޭސީންނާއި ބިދޭސީންނެވެ. އާންމު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ. އުޅުމާއި ގުޅުމާއި މުއާމަލާތުކުރުމާއި ކިތަންމެ ތަފާތަސް، ފެންނަ ފެނުމަށް ހަމަ އެއްވެސް ފަރަގެއް ނެތެވެ. އެކަކު އަނެކަކަށް އެ އޮންނަ ގާތް ކަމާއި އެކުވެރިކަން އާއިލާއެއް ފަދަ އެވެ. ލޯތްބާއި އެހީތެރިކަން އެކަކު އަނެކަކަށް ފޯރުކޮށްދެނީ އެއް މިސްރާބެއްގައި އެއް މަންޒިލަކަށް ވާސިލްވުމަށެވެ.

މިއީ މިފަހުން އެމްޓީސީސީއިން އިސްވެ ވިލިމާލޭގައި ބޭއްވި ވިލި މުއައްސަސާ ކަޕް 2019 އިން ލޮލުގައި އަޅައިގަތް އެންމެ ހާއްސަ މަންޒަރެވެ. ވިލިމާލެއަށް ގޮސް ނޫޅޭ މީހަކަށް ފަހަރެއްގައި އެހާބޮޑަށް ނޭނގުނަސް، މި އުފާވެރި މަންޒަރުގައި ހަގީގީ ކުލަޖައްސައިދިން ފަރާތަކީ، 'ވިލިޖޯލި' އެވެ.

ވިލިޖޯލި ގުރޫޕުގެ އިސް މީހެއްގެ ނަމްބަރެއް ހޯދައިގެން ގުޅާލުމުން، އެނގުނީ މިއީ އަދި މިހާ އާދައިގެކޮށް ލިޔެ ނިންމާލުމަށްވުރެ، މާ ވަރުގަދަ އަދި ބޮޑެތި މަސައްކަތްތަކެއް ވިލިމާލެއަށް ކޮށްދޭ، ވިލިމާލޭގެ ރޫހަކަށް ވެފައިވާ ޖަމްއިއްޔާކަމެވެ.

ވިލިމާލެ މުވައްސަސާ ކަޕްގައި ބައިވެރިވި ވިލިޖޯލި ޓީމް--ފޮޓޯ:ޓްވިޓާ

ވިލިޖޯލި އުފެދިގެން އައީ ރެޑް ކްރެސެންޓަށް މަސައްކަތްކުރަމުން އައި ވިލިމާލޭގެ ދަރުމަވެރިންތަކެއްގެ ކޮފީ މޭޒަކުންނެވެ. ވިލިމާލޭގެ ކުޑަ މުޖްތަމައަށް ކޮންމެވެސް ކަމެއް ކޮށްދިނުމުގެ ބޭނުމަށް ކޮންމެ ހުކުރު ދުވަހެއްގެ އަސުރަށްފަހު ވިލިމާލޭގެ ޖޯލިތަކަށްދާން ފެށުނު މި ކުޑަ ހަރަކާތަކީ މިއަދު ދަރުމަވެރިންގެ ލާމަސީލު ޖަމިއްޔާއެކެވެ.

ވިލިޖޯލީގެ ފެށުމަކީ ވިލިމާލޭގެ ޖޯލިތައް!

ރާއްޖޭގައި ނަމަ ކޮންމެ ރަށެއްގެވެސް ޖޯލިތަކާއި ހޮޅުއަށިތަަކަކީ އެ ރަށެއްގެ ކޮމިއުނިޓީގެ މައި އެއް މަރުކަޒެވެ. އެ ރަށެއްގައި ހިނގާ ހުރިހާ ކަމަކާ ގުޅޭ ގޮތުން އެތަނެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރެ އެވެ.

ވިލިޖޯލި ހަރަކާތުގެ އަމާޒަކަށްވީ ވެސް، ވިލިމާލެ ޖޯލިފަތިތަކުގައި ތިބޭ މީހުންގެ ވާހަކަތައް އަޑުއަހައި އެ ކަންކަމަށް ހައްލު ހޯދުމެވެ. ވިލިމާލޭގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ އަދި އަޅާލުން އެންމެ މުހިންމު ކަންކަން އެ މީހުން ދެނެގަތީ އެވެ. އެ ހުރިހާ ޝަކުވާތަކެއްގެ ހައްލަކަށް އައީ، ވިލިޖޯލި އެވެ.

ނަތީޖާއަކަށްވީ ވިލިމާލޭގައި ބޮޑެތި އިޖުތިމާއީ މައްސަލަތައް ދެނެގަނެވި، އެހީބޭނުންވާ ފަރާތްތަކެއް ފާހަގަވުމެވެ. މިގޮތުން ވިލިޖޯލި ހާއްސަވީ ވީހާވެސް 'އިންކްލޫސިވް، 'ރެސިލިއަންޓް' އަދި 'އޯގާތެރި' މުޖްތަމައެއް އުފެއްދުމަށް މަސައްކަތް ކުރާ ގްރޫޕަކަށެވެ. މިއަދު ވިލިމާލޭގައި އުޅޭ ކުދި ބޮޑު އަދި އުމުރުން ދުވަސްވީ ކޮންމެ ކުއްޖަކީ އަދި މީހަކީ ވިލިޖޯލީގެ އެހޯތެރިކަން ލިބޭނޭ މީހެކެވެ. ކޮންމެ ގައުމެއްގެ އަދި ކޮންމެ ކަހަލަ އެހީތެރިކަމެއް ބޭނުންވިޔަސް އެއްވެސް ތަފާތެއް އެކަމަކު ނޯންނާނެ ކަމަށް އެ ގްރޫޕުން ބުނެ އެވެ.

ވިލިޖޯލީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އެކު ފޮޓޯއެއްގައި -- ފޮޓޯ: ޓްވިޓާ

ތިން އަހަރުތެރޭ ބޮޑެތި ކާމިޔާބީ ތަކެއް!

ޖަމިއްޔާއެއްގެ ގޮތުގައި ވިލިޖޯލި ހަރަކާތްތެރިވާތާ އަދި އެހާ ގިނަދުވަހެއް ނުވި ނަމަވެސް، އެންމެ ފުރަތަމަ ޖޯލީގެ ހަރަކާތް ފެށުނީ 2016 ގައެވެ. އެހާހިސާބުން ފެށިގެން މިހާތަނަށް އައިއިރު ވިލިޖޯލިން މިވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

ވިލިޖޯލީގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ފަށައިގަތީ ހާލުކިހިނެއް ޕްރޮގްރާމެވެ. ވިލިމާލޭގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް، މީހުންނާއި ވާހަކަދައްކާ، ބޭނުންވެފައި ހުރި އެހީތައް ހޯދާ، އެފަދަ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ފަރާތްތަކާއި ހިއްސާކޮށް، އެ އެހީތަށް އާންމުންނަށް ލިބިދިނުމުގެ އެންމެ ބޮޑު އެހީތެރިއަކީ، ވިލި ޖޯލި އެވެ. ފުރޮޅުލީ ގޮނޑީގައި އުޅެން ޖެހިފައި ވުމުން ގޭން ނުނިކުމެ ތިބެން ޖެހިފައި ތިބި، ބައެއް ޒުވާނުން ގޮވައިގެން ހަވީރު މަގުތަކަށް ނުކުމެ ހިތްހަމަޖައްސުވައިދީ އަދި ބޮޑެތި އެހީތައް ކަމުގައިވާ މޮޓޮރައިޒްޑް ވީލް ޗެއާ ހޯދައިދީ، ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށްވެސް ވިލިޖޯލީގެ ފަރާތުން ވަނީ މަސައްކަތްކޮށް އެކަން ކާމިޔާބުކޮށްފަ އެވެ.

އަޑުނީވޭ ފަރާތްތަކާއި މުއާމަލާތުކުރަން ދަތިތައް ފާހަގަވާތީ، އެކަން ހައްލުކުރުމުގެ ގޮތުން އަމިއްލައަށް އިސްވެ، ސައިން ލެންގުއޭޖް ކްލާސް ބާއްވައި މި ޖަމިއްޔާގެ މެންބަރުންވެސް ވަނީ އެ ބަހުރުވައިން ވާހަކަ ދައްކަން ދަސްކޮށްފަ އެވެ.

ވިލިމާލޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ހާއްސަކޮށް ބެންގާލީ މޫވީ ނައިޓްސް ބާއްވައިދީ މުޖްތަމައުގައި ހުރި ގިނަ ސްޓީރިއޯޓައިޕް ކަންތައްތައް ނައްތާލާ އެންމެން އެއްބައިވެ އެކުގައި މަސައްކަތްކުރުމުގެ ޖޯޝު އުފައްދަދިން ބަޔަކީވެސް ހަމަ މިއީ އެވެ.

"ސައިން ލެންގުއޭޖް ދަސްވެ، ޑެފް ކުދިންނާއި ވާހަކަ ދައްކާ، ކުޅެން ދާން ފެށީމަ، އެމީހުން ހައިރާންވޭ! ބުނާނެ، ކީއްވެހޭއްޔޭ އެމީހުންނާއި އެކީ އަހަރެމެން ބޯޅަ ކުޅެން މިދަނީ، ފުރަތަމަ މޫވީ ނައިޓްގަ ފިލްމު ނޭޅުވި އެތަށް އިރެއްވި މީހެއް ނައިސްގެން. އެކަމަކު އެންމެ ފަހުން ފިލްމު އަޅުވާ ނިމުނުއިރު ސްކޫލް ހޯލް އޮތީ އެއްކޮށް ފުރިފައި" ވިލި ޖޯލީގެ މެންބަރު ބުންޏެވެ.

މި ހަރަކާތްތަކުގެ އިތުރަށްވެސް ތަފާތު އެކި ކުޅިވަރުތައް ކުޅުމަށް ހާއްސަ، ކުޅިސަމާ ޕްރޮގްރާމެއްވެސް ވިލިޖޯލިން ކުރިއަށް ގެންދެ އެވެ. މި ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބެނުންވާ އެކި ކުދިންނަށްވެސް ތަފާތު ކުޅިވަރުތައް ކުޅުމަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޖެނުއަރީ 2018 އިން ފެށިގެން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ސަޕޯޓް ގްރޫޕެއްވެސް މެދު ނުކެނޑި މިއަދާހަމައަށް ވިލިމާލޭގައި ކުރިއަށްދެ އެވެ. އަދި މި ޕްރޮގްރާމް މޮޑެލްއަކަށް ބަލައިގެން މޯލްޑިވިއަން އެސޯސިއޭޝަން ފޯރ ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އިންވެސް ވަނީ މި ޕްރޮގްރާމް ރާއްޖޭގެ 19 ރަށެއްގައި ކުރިއަށްްގެންގޮސްފަ އެވެ.

ގައި--ވިލިޖޯލީގެ ބައެއް މެންބަރުން ބައިނަލްއަގުވާމީ ދަރިމަވެރިންގެ ފޯރަމެއްގައި ރަޝިއާގައި -- ފޮޓޯ:ޓްވިޓާ

ހަރަކާތްތަކާއި ހިންގުންތެރިކަމުގައިވެސް ނަމޫނާއެއް!

ހިންގުމުގައިވެސް ވިލިޖޯލި ތަފާތެވެ. ވިލިޖޯލީގެ ލީޑަރޝިޕްއާއި ހިންގުންތެރިންގެ ތެރޭގައި ވަރަށް ޒުވާން މޫނުތަކެއް ހިމެނޭއިރު، މިއިން އެއްވެސް ފަރާތެއް މަޝްހޫރުވެ މީހުންނަށް އެނގެން ބޭނުމެއް ނުވެ އެވެ.

ނުވިތާކަށް ޖަމިއްޔާ ހިންގުމުގެ ކަންކަންވެސް ކުރިއަށްގެންދަނީ ވައިބާ ގްރޫޕަކުން ކަމުގައިވާއިރު، މާ ބޮޑެތި ކަރުދާސް މަސައްކަތެއް ނުކޮށް، ނަތީޖާ ނެރެވޭފަދަ ހިދުމަތްތަކެއް އަދި މާނަވީ ބަދަލުތަކެއް ވިލިމާލޭގެ މުޖްތަމައަށް ގެނެސްދިނުމަކީ މި ޖަމިއްޔާގެ އުންމީދެވެ.

ވިލިމާލެއަށް ހާއްސަކޮށް ޖަމިއްޔާ ފެށިނަމަވެސް، މި ހަރަކާތްތަކުގައި ބައިވެރިވުމަށްޓަކައި މާލެއިންވެސް އެތަށް ބަޔަކު ވިލިމާލެއަށް ދެއެވެ. ނުވިތާކަށް ވިލިޖޯލީގެ މެންބަރެއް ބަލިވެއްޖެނަމަ އެމީހެއްގެ ގާތަށް ވިލިޖޯލިވެސް މާލެ އާދެެ އެވެ.

މި އަހަރުގެ އެމްޓީސީސީ މުއައްސަސާ ކަޕްގެ ރަނަރަޕްކަން ވިލިޖޯލި ޓީމަށް ވަނީ ލިބިފަ އެވެ. ވިލިޖޯލީގެ ހުރިހާ ހަރަކާތެއްގައިވެސް ވިލިމާލޭ ސްކޫލާއި ހޮސްޕިޓަލް އަދި ޑައިވް ސެންޓަރުތަކާއި އެހެނިހެން އެތައް މުވައްސަސާއަކުން އެހީވެދޭއިރު، މިއަދު މުޅި ވިލިމާލޭގެ ކުރިމަގުވެސް އުޖާލާ ކޮށްދެނީ މި ގްރޫޕެވެ.

ވިލިޖޯލިއަކީ ދަރުމަވެރި ޖަމިއްޔާއަކަށްވާއިރު، ކޮންމެ މީހަކަށްވެސް މި ޖަމިއްޔާގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ފުޅާކޮށް ހުޅުވާލައިފަ އެވެ، ކިތަންމެ ކުޑަ ވަގުތުކޮޅެއް ދެވުނަސް، އެއީ މުޖްތަމައުގެ ލާބައަށާއި އަމިއްލަ ނަފްސަށްވެސް ދެވޭ ވަރަށް ބޮޑު ހަދިޔާއެކެވެ. މި ޖަމިއްޔާއިން ބުނާގޮތުގައި އެންމެން ބައިވެރިވާ މުޖްތަމައެއް ބިނާކުރުމުގައި ކުރާ މަސައްކަތަކީ އާ ކަމެއް ނޫނެވެ. ނަމަވެސް ގެއްލި ބީވެމުންދާ ރީތި އާދަކާދަތަކެއް ދިރުވަން ޖެހެ މި ގުރޫޕުން ދެކެ އެވެ. ވިލިޖޯލި އޮތީ އަދި ދެމި އޮންނަނީ އެ އަޒުމުގެ މަތީގަ އެވެ.

comment ކޮމެންޓް