ބޯހިޔާވަހިކަމާ ގުޅޭ ދެ ބިލެއް ރައީސް އޮފީހަށް

މާލެ މަތިން --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ބޯހިޔާވަހިކަމާ ގުޅޭ ދެ ބިލެއް ހައުސިން މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ މި ދެ ބިލަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފަރުމާކޮށްފައިވާ ދެ ބިލު ކަމަށެވެ. މި ދެ ބިލަކީ "ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" އަދި "އެއްމެދު އިމާރާތުގެ ގާނޫނު"ގެ ބިލެވެ.

އެއްމެދު އިމާރާތުގެ ބިލަކީ، ރާއްޖޭގައި އަޅާފައިވާ އިމާރަތްތަކާއި ފަހުން އަޅާނެ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށާއި، އެއްމެދު އުސޫލުން ބިމާއި އިމާރާތް އަދި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކުކުރުމުގެ ހަމަތައް އެކުލަވާލުމާއި، އެ ޔުނިޓުތައް ގަނެވިއްކައި، އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަހައްދުތައް (ކޮމަން އޭރިއާސް) ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރަފުކުރުމަށް އެކުލަވާލާފައިވާ ބިލެއްކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ.

ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލަކީ، ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށްދޫކުރުމާއި ކުއްޔަށްހިފުމާ ގުޅިގެން ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާފަރާތުގެ މަސްލަހަތާއި ހައްގުތައް ބަޔާންކުރުމާއި ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި އެތަންތަނުގައި، ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުއާމަލާތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މި ބިލުތައް މަޖިލީހުން ފާސްވުމުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ގާނޫނީ ހައިސިއްޔަތު ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ.

އަދި އެއްމެދު އިމާރާތާ ގުޅޭ ބިލު ފާސްވުމާއެކު އެއްމެދު އިމާރާތްތައް ރަޖިޓްރީސްކޮށް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް