ލަންކާގެ އާ ސަރުކާރުގެ ވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި

މިނިސްޓަރު ޝާހިދު ލަންކާގެ ރައީސް އާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސްރީލަންކާގެ އާ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވައިފިއެވެ.

ކޮލަމްބޯގައި ބޭއްވި މި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސައާ ބައްދަލުކުރައްވައިފައެވެ.

ރައީސް ގޯޓާބަޔައާއިއެކު މިނިސްޓަރު ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ރައީސްއަށާ އެގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި މިގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ފޮރިން މިނިސްޓަރި ޝާހިދު ލަންކާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ލަންކާގެ އާ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ދެގައުމު ގުޅިގެން މިހާރަށްވުރެ ގިނަ މަސައްކަތް ކުރާނެކަމަށެވެ. މި ބައްދަލު ކުރެއްވުމުގައިވެސް މިނިސްޓަރު ޝާހިދު ވަނީ ރައީސް ސޯލިހުގެ ފަރަތްޕުޅުން ލަންކާގެ ބޮޑުވަޒީރަށާއި، އެގައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. އަދި ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަތުމުން، އެކަމަށް މިނިސްޓަރު ޝާހިދު މަރުހަބާ ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދަނައާވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

އަދި ދެގައުމުގެ ގުޅުން އިތުރު ހަރުފަތަށް ކުރިއަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުންތަކުގައި މިރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ހަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް