ބަދަލު ދޭންޖެހޭކަމަށް ޖީއެމްއައިޒެޑްއެލްގެ ވެރިއަކު ކޮމިޓީގައި ވިދާޅުވެއްޖެ

ޑީއެމްޑީ ޝާތިރު (ކ): އޭނާ ވިދާޅުވީ، ޕާކްވަން ކުންފުންޏަށް ބަދަލު ދޭން ޖެހޭ ކަމަށް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު ނަގައި ނައްތާލުމަށް ހަވާލުކުރި ޕާކްވަން އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީގައި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

މައްސަލަ ބޮޑުވެފައިވާ، ތިލަފުށީ ފަޅުގައި އަޅާފައި އޮތް "އެމްވީ ސީހޯމް ސަފަޔާ" ބޯޓާ ބެހޭގޮތުން މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ތިލަފުށީގެ އިހްތިސާސް އޮންނަ ޖީއެމްއައިޒެޑްއެލްގެ ޑީއެމްޑީ ޝާތިރު މިހެން ވިދާޅުވުމުން ކޮމިޓީގެ މެމްބަރުންނަށް ލިބުނީ ހައިރާންކަމެކެވެ.

މި ބޯޓު ނެގުމަށް ޖީއެމްއައިޒެޑްއެލުން ޕާކްވަން ކިޔާ ކުންފުންޏަކަށް ހަވާލުކުރުމުން، ފުލުހުން ވަނީ ކ. ގުރައިދޫ ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާފައެވެ. މިކަމާ ގުޅިގެން ޕާކްވަން ކުންފުނިން ޖީއެމްއައިޒެޑްއެލްގެ އަތުން 10.9 މިލިއަން ރުފިޔާގެ ބަދަލު ހޯދުމަށް ވަނީ ދައުވާކޮށްފައެވެ.

ކޮމިޓީގައި ޝާތިރު ވިދާޅުވީ ބޯޓު ނައްތާލުމަށް 2017 ވަނަ އަހަރު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ނުވާކަމަށާއި އެކަން ކުރުމަށް ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޕާކްވަންއަށް ބަދަލު ދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯޓުގައި އޮންނަ މައްސަލައެއެއްގައި ހުކުމެއް ނާންނަނީސް އެއަށް ވަނީ ކިހިނެއްކަމެއް އެއަށް ވާނީ ސާފުކޮށް ދެންނެވުމަކީ، އުދަނގޫ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި، ބަދަލު ދޭންޖެހޭނެ ހަމަ،" ޑީއެމްޑީ ޝާތިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަދަލު ދޭންޖެހޭ ސަބަބުތައް އެބަހުރިކަމަށާއި އެގޮތުން ދައުލަތުގެ މުދަލެއް އެހެން ފަރާތަކުން ދޫކޮށްލުމަކީވެސް ބަދަލު ދޭން ޖެހޭ ސަބަބެއް ކަމަށެވެ.

އެ ވާހަކަތައް ހުއްޓުވުމަށްފަހު ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ޝާތިރު ދައްކަވަމުން ގެންދަވަނީ "ވަރަށް ނުރައްކާތެރި ވާހަކަ"ތަކެއް ކަމަށެވެ.

"ކޯޓަށް ބަޔަކު މި ދަނީ ކުންފުނީގެ މައްޗަށް ބަދަލު [ހޯދުމަށް]. އަނެއްކޮޅުން ދައުވާ ރައްދުވާ ފަރާތުގެ ދެވަނައަށް އެންމެ އިސްފަރާތުން މި ބުނަނީ އާންއެކޭ ދޭންޖެހޭނެއޭ. އެއްބަސްވަނީ. އަޅުގަނޑަކަށް ދައުލަތުގެ ކުންފުންޏަކަށް އެއްބަސްވާކަށް ފުރުސަތު ދީގެން ނީނދެވޭނެ...ޑީއެމްޑީގެ ހައިސިއްޔަތުން މިތަނުގައި ވާހަކަދައްކަން ޖެހޭނީ،" އިލްޔާސް ވިދާޅުވިއެވެ.

ނަމަވެސް ޑީއެމްޑީ ޝާތިރު ވިދާޅުވީ ކޮމިޓީގައި އޭނާ ވާހަކަދައްކަވަމުން ދަނީ ތެދު ބަހުން ކަމަށާއި އަދި ހިއްސާކުރަމުން ދަނީ އޭނާއަށް ފެންނަގޮތް ކަމަށެވެ.

ދޭން ޖެހޭނެ ބަދަލެއް ނޯންނާނެ، ފުލުހުން ކުރީ ގޯސްކޮށް: އެމްޑީ

އެމްޑީ އިބޫ ކޮމިޓީގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ފުލުހުން ގޯސް ހެއްދެވީ ކަމަށް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބަދަލު ދޭންޖެހޭނެކަމަށް ޝާތިރު ވިދާޅުވި ނަމަވެސް، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވީ، އެކަމުގައި ދޭން ޖެހޭނެ ބަދަލެއް ނޯންނާނެ ކަމަށާއި ކުންފުނިން ގާނޫނާ ހިލާފު ކަމެއްވެސް ކޮށްފައި ނުވާނެކަމަށެވެ.

"މި ކުންފުނިން ބަދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ދޭންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުނުކުރަން. ސަބަބު ވަރަށް ސާފު. މަސައްކަތް ހުއްޓުވީ ފުލުހުން. މަދަނީ ކޯޓުގެ ހުކުމެއް އޯވަރޫލް ކުރުމަށްޓަކައި ކ. ގުރައިދޫ ކޯޓުގެ ހުކުމެއް ކަމަށް ބުނާ ހުކުމެއްގައި [އަދި] ޝަރުތު ހަމަނުވާ ގާޒީއަކު ސޮއިނުކޮށް އޮތް ކަރުދާހެއްގެ މައްޗަށް [އަމަލުކުރީ]،" އިބޫ ވިދާޅުވިއެވެ.

ބޯޓުގެ މަސައްކަތް ފުލުހުން ހުއްޓުވީ ކޯޓު އަމުރު ލިބުމުގެ ކުރިންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މަސައްކަތް ހުއްޓުވުމަށް ނެރުނު ހުކުމްވެސް ބާތިލުކޮށްފައި އޮތުމުން އެކަމާ ފުލުހުން އުޅުނީ ގޯސްކޮށްކަމަށް ވިދާޅުވިއެވެ.

އެމްޑީ އިބޫ: އޭނާ ވިދާޅުވީ، ކުންފުނިން ދޭން ޖެހޭނެ ބަދަލެއް ނޯންނާނެ ކަމަށް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ބޯޓު ނައްތާލުމުގެ ހުއްދަ ޖީއެމްއައިޒެޑްއެލްއަށް ނުދޭކަމަށް ފިނޭންސް މިނިސްޓްރީން އެންގި ކަމަށެވެ. ނަމަވެސް މިއަދު ކޮމިޓީގައި އިބޫ މިކަން ދޮގުކުރެއްވިއެވެ. އަދި ފުލުހުން ބޯޓުގެ މަސައްކަތް ހުއްޓުވީ ފިނޭންސް މިނިސްޓްރީން އެހެން ބުނުމުގެ ކުރިން ކަމަށާއި ކުންފުނިން ބޯޓު ނައްތާލުމުގެ މަސައްކަތް ފެށީ ފިނޭންސްގެ ހުއްދައާއެކު ކަމަށް ވިދާޅުވިއެވެ.

ކުންފުނިން ބަދަލެއް ދޭންޖެހިއްޖެނަމަ އެކަމުގެ ޒިންމާ ނަގާނަންތޯ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ސުވާލު ކުރެއްވުމުން އިބޫ ވިދާޅުވީ އެ މައްސަލައިގައި އޭނާ އަމަލުކުރެއްވީ ގާނޫނީ ލަފަޔާއެކު ކަމަށެވެ.

ބޯޓު ނައްތާލުމުގެ ހުއްދައެއް ނުދެން: ފިނޭންސް

ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް ވާހަކަ ދައްކަވަނީ: އެނާ ވިދާޅުވީ، ބޯޓު ނައްތާލުމުގެ ހުއްދަ ނުދޭ ކަމަށް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސައިން ފިރާޒު ވިދާޅުވީ، ބޯޓަކީ ދައުލަތުގެ މިލްކެއް ކަމަށާއި އެއްވެސް އިރެއްގައި ބޯޓު ނައްތާލުމުގެ ހުއްދައެއް ޖީއެމްއައިޒެޑްއެލްއަށް ދީފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހުއްދަ ދިނީ ހުކުމް ތަންފީޒު ކުރުމަށް....ހުކުމްގައި ދައުލަތުގެ މައްޗަށް އަމުރު ކުރީ އެތަނުން އެބޯޓު ނެގުމަށް. ހުކުމްގައި ބުނެފައި ނެތް ބޯޓު ނައްތާލުމަށް" ޑެޕިއުޓީ މިނިސްޓަރު ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ މައްސަލައިގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެކަމާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށް، ޕްރައިވަޓައިޒޭޝަން ބޯޑު (ޕީބީސީ)އާ މިހާރު ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ޕީބީސީ އިން އެ ރިޕޯޓު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގައިވާ އެއްވެސް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މިއަދުގެ ބައްދަލުވުން ނިންމާލީ، މި މައްސަލައާ ގުޅޭގޮތުން ފިޔަވަޅެއް އަޅާނަމަ އަންނަ ހޮނިހިރު ދުވަހު އެ ފިޔަވަޅެއް ނިންމާނެކަން އިއުލާނުކޮށްފައެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު ލިޔެކުންތަކެއް ވާނަމަ އެ ފުރުސަތުވެސް ދެއްވާކަމަށް މުގައްރިރު ވިދާޅުވިއެވެ. އަދި ފިނޭސް މިނިސްޓްރީން މި މައްސަލައާ ގުޅޭގޮތުން ހެދި ރިޕޯޓު ކޮމިޓީއާ ހިއްސާކޮށްދެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ޕާކްވަންއާއެކު ޖީއެމްއައިޒެޑްއެލްއިން މިދިޔަ އެޕްރީލް 16 ގައި ހެދި އެއްބަސްވުމުގައިވާގޮތުން 30 ދުވަހުގެ ތެރޭ އެއްބަސްވުމުގައި ހިމޭނޭ ސަރަހައްދުން ބޭރުން ބޯޓު ބޭރުކުރުމަކީ، ޕާކްވަންގެ ޒިންމާއެކެވެ. އަދި އެކަން ކުރުމަށް ނަގަންޖެހޭ ހުއްދައަކާއި ހިނގާ ހަރަދެއްގެ ޒިންމާވާނެ ފަރާތަކީވެސް ޕާކްވަންއެވެ. ނަމަވެސް ބޯޓު މިހާރު އޮތީ، ތިލަފުށީގައި އެހެން ކުންފުންޏެއްގެ ސައިޓުގައެވެ. ޖީއެމްއައިޒެޑްއެލްއިން ވަނީ އެ ކުންފުންނަށް މަސައްކަތް ނިންމިކަމަށް ބަލައި، އެކުންފުނިން ދެއްކި ޕާފޯމަންސް ގެރެންޓީވެސް އަނބުރާ ދީފައެވެ.

comment ކޮމެންޓް