ހުޅުމާލެ އަލި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރޭ ހުޅުމާލެގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލި ހާދިސާ އާއި ގުޅިގެން އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި އުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގެ މަގުތަކުގައި ރޭގަނޑު އެކަށީގެންވާ އަލިކަމެއް ނުހުންނަކަން ހުޅުމާލޭގައި އުޅޭ ރައްޔިތުންނާއި އެ އަވަށަށް ޒިޔާރަތްކުރާ މީހުން އަބަދުވެސް ފާހަގަ ކުރެއެވެ. އެކަމަށް އިޝާރާތްކޮށް އެޗްޑީސީގެ ބަޔާނުގައި ބުނީ ހުޅުމާލޭގެ ،މަގުތައް އިތުރަށް އަލިކުރުމަށް މަގުބައްތި އިތުރުކުރުމުގެ މަޝްރޫއެއް ފަށާފައިވާ ކަމަށާއި އެޗްޑީސީ އަށް ފާހަގަކުރެވޭ ސަރަހައްދުތަކުގައި ބައްތި އިތުރު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގެ ރައްކާތެރިކަން އިތުރު ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ. އެގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 48 ސީސީޓީވީ ހަރުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 25 ސީސީޓީވީ އަކީ ފުލުހުންނާ ހަވާލުކޮށްގެން އެންމެ އެކަށީގެންވާ ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކެއް ކަމަށް އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެބަޔާނުގައި އިތުރަށް ބުނީ ހުޅުމާލޭގައި ހަރުކޮށްފައިވާ 23 ކެމެރާއަކީ އާންމުންގެ ކަންކަން ބެލެހެއްޓުމަށް ހަރުކޮށްފައިވާ ކެމެރާ ކަމަށާއި މީގެ ތެރޭގައި ޕާކުތަކާއި ޕާކިން ޒޯނުތަކުގައި ހަރުކޮށްފައިވާ ކެމެރާ ހިމެނޭ ކަމަށެވެ.
ރޭ ޓެކްސީ ޑްރައިވަރަށް ހަމަލާދިން މަގަކީ ހުޅުމާލޭގައި އާންމުކޮށް މީހުން ގޮސް ނޫޅޭ، ފަޅު ސަރަހައްދެކެވެ. އެ ސަރަހައްދަކީ އަމިއްލަ ކުންފުނިތަކުން އިމާރާތްކުރާ ފްލެޓުތައް އަޅާ ސަރަހައްދެވެ.