ސައުތު އެޝިއަން ގޭމްސް: މޮޅަށް ޑިފެންސްކޮށް އަންހެން ޓީމުން ނޭޕާލާ ދެކޮޅަށް ރަނގަޅު ވާދައެއް

ރާއްޖެއާ ނޭޕާލް މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 އިން ކާމިޔާބު ކުރީ ނޭޕާލް --- ފޮޓޯ// އެމްއޯސީ

(ޕޮކަހަރާ، ނޭޕާލް): ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓުބޯޅަ އިވެންޓުގައި ނޭޕާލާ ދެކޮޅަށް މޮޅަށް ޑިފެންސްކޮށް ރާއްޖެއިން ރަނގަޅު ވާދައެއް ކޮށްފިއެވެ.

ޕޮކަހަރާ ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ވަނީ ރާއްޖެ ކޮޅަށް ހަ ގޯލު ޖަހައިފައެވެ. ރާއްޖެއިން މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް ތަޖުރިބާކާރު ނޭޕާލްގެ ޓީމު ހުއްޓުވުމަށް ވަނީ ވަރަށް މޮޅަށް ޑިފެންސް ކޮށްފައެވެ.

ރާއްޖެއާ ނޭޕާލް މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 އިން ކާމިޔާބު ކުރީ ނޭޕާލް --- ފޮޓޯ// އެމްއޯސީ

ފުރަތަމަ އެގާރައިގެ މުހިއްމު ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ކުޅެފައި ނުވާ އިރު ރާއްޖެއިން މެޗަށް ނުކުތީ ޑިފެންސިވް ވިސްނުމަކައިގެންނެވެ. މެޗު ފެށިގެން ނިމެންދެން ވެސް ނޭޕާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޓް ކުރަމުން ދިޔަ ނަމަވެސް ރާއްޖެއިން ވަނީ އެ ޓީމުން އުފެއްދި ހަމަލާތަށް ދިފާއު ކުރުމަށް ބުރަ މަސައްކަތެއް ކޮށްފައެވެ.

މިއަދުގެ މެޗުގައި ނޭޕާލުން ޖެހި ތިން ގޯލު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑް ސަބިތްރާ ބަންދްރީއެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ސަބިތްރާ ދެ ގޯލު ޖެހި އިރު ފަހު ގޯލު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީމުގެ ކޯޗު އަހުމަދު ނާދު ބުނީ މެޗަށް ރޭވި ޕްލޭން ވަރަށް ރަނގަޅަށް ވޯކް ކުރި ކަމަށެވެ. އެހެން ނަމަވެސް ވަން ގޯލުތަކަކީ ހެދުނު ކުދި ކުދި ގޯސްތަކެއްގެ ނަތީޖާ ކަމަށާއި ޖުމުލަކޮށް މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފު ހައްގު ކަމަށެވެ.

"ނަތީޖާއާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަމާޒަކީ ކުރިއަށް އޮތް މެޗުގައި ލަންކާ އަތުން މޮޅުވުން. އެކަމަށްޓަކައި ކުޅުންތެރިން ރަނގަޅަށް ރިކަވަރީއާ އެކު މަސައްކަތް ކުރާނެ." ނާދު ބުންޏެވެ.

ނާދު ބުނީ ކުރީ މެޗެކޭ އެއްފަދައިން މިއަދުގެ މެޗުގައި ވެސް އެންމެ ބޮޑު އުނދަގުލަކަށް ދިމާވީ ދަނޑުގެ މައްސަލައެވެ. ރާއްޖޭގެ ޓާފް ދަނޑުތަކުގައި ކުޅޭ ކުޅުންތެރިންނަށް އެފަދަ އެއްވަރު ނޫން ދަނޑުތަކުގައި ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަން ވެސް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

އަންނަ މެޗުގައި ރާއްޖޭގެ އަންހެން ޓީމުން ވާދަ ކުރާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ މިދިޔަ މާޗް މަހު ނޭޕާލުގެ ބިރާތުނަގަރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި އިންޑިއާއާއި ލަންކާއާ ވާދަކޮށް ބަލިވެ ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީއެވެ.

comment ކޮމެންޓް