ދެ އަހަރުތެރޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި އޭސީ ހަރުކޮށް ނިމޭނެ: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު---ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތަކެއްގައި އެއާކޯން (އޭސީ) ހަރުކޮށް ނިމޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު "ސަން"އަށް މިއަދު ވިދާޅުވީ މިއަހަރު މިސްކިތްތައް އޭސީކުރަން ބެލިއިރު އެންމެ ބޮޑަށް ބެލީ ހުރިހާ އަތޮޅުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އަދި އެންމެ ގިނައިން ބޭނުންކުރާ މިސްކިތްތައް އޭސީކުރުމަށް ކަމަށެވެ. އެގޮތުން 25 މިސްކިތެއް ފާހަގަކޮށްފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 12 މިސްކިތެއް އޭސީކުރުމުގެ މަސައްކަތް މިއަހަރު ހަވާލުކުރެވޭވަރު ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބާކީ ހުރި މިސްކިތްތައް އޭސީކުރަން ބޭނުންވާ ފައިސާ ބަޖެޓުގައި ޖެހުމަށް އެދޭނެކަމަށްވެސް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 10 މިސްކިތެއްގައި އިއާދަހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުނެ ބޭނުންކޮށްގެން ކަރަންޓު ދިނުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި މިހާތަނަށް ދެ ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ ރަށަކީ ފ. ދަރަނބޫދޫއާއި ހއ. ބާރަށެވެ. އަދި ޅ. ނައިފަރުގައި ހުންނަ މަސްޖިދުލްޣުފްރާން މިސްކިތުގަިއ ސޯލާ ޕެނަލް ހަރުރަން މިދިޔަ މަހު ބަޔަކާވެސް ހަވާލުކުރިއެވެ.

comment ކޮމެންޓް