ސައުތު އޭޝިއަން ގޭމްސް: ކޮކޭއާއި އަމޭގެ ޕެއާއިން ބަންގްލަދޭޝް ބަލިކޮށް ފެށުން ރަނގަޅު ކޮއްފި

ސައުތް އޭޝިއަން ގޭމްސްގެ ބީޗް ވޮލީގައި ރާއްޖޭގެ ކޮކޭއާއި އަމޭގެ ޕެއާއިން ވާދަ ކުރަނީ --- ފޮޓޯ// އެމްއޯސީ

(ޕޮކަހަރާ، ނޭޕާލް): ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސް ބީޗް ވޮލީ އިވެންޓުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖޭގެ އަބްދުﷲ ޒަޔާން (ކޮކޭ) އަދި އަހުމަދު މުހައްމަދު (އަމޭ) މޮޅުވެއްޖެއެވެ.

ނޭޕާލްގެ ޕޮކަހަރާ ސިޓީގެ ލޭކް ސައިޑް ބީޗް ވޮލީ ކޯޓުގައި މިއަދު ކުޅުނު އެ މެޗުގައި ބަންގްލަދޭޝްގެ ދެ ކުޅުންތެރިން ކަމަށްވާ ޝޭޙް މުހައްމަދު ސަނީ އަދި ހައިދަރު މުހައްމަދު އިމްރާން ބަލިކޮށް ކޮކޭއާއި އަމޭގެ ޕެއާއިން ކުރި ހޯދީ ސީދާ ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މިއަދު ކުޅުނު ދެވަނަ މެޗުގައި އާދަމް ނަސީމް (އެޑަމް) އަދި މުހައްމަދު އަލީގެ ޕެއާ ވަނީ ވާދަވެރި ކުުޅުމަކަށްފަހު 1-2 އިން ބަލިވެފައެވެ.

ސައުތް އޭޝިއަން ގޭމްސްގެ ބީޗް ވޮލީގައި ރާއްޖޭގެ ކޮކޭއާއި އަމޭގެ ޕެއާއިން ވާދަ ކުރަނީ --- ފޮޓޯ// އެމްއޯސީ

މިއަދުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އަބްދުﷲ ޒަޔާން (ކޯކޭ) އާއި އަހުމަދު މުހައްމަދު (އަމޭ) ކުޅެން ނުކުމެ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ބަންގްލަދޭޝްގެ އިސްކޮޅުން ދިގު ދެ ކުޅުންތެރިންގެ ބޯ މަތިން ބޯޅަތައް ވައްޓާލައި މެޗު ފަސޭހަ ކަމާ އެކު ގެންދިޔައިރު ސެޓުތައް ގެންދިޔައީ 18-21 އަދި 16-21 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ރާއްޖެއިން ދިޔައީ ލީޑު ދަމަހައްޓަމުންނެވެ. ޕޮކަހަރާގެ ފިނި މާހައުލުގެ ތެރޭގައި ވެސް އެއްވެސް އުނދަގުލެއް ނެތި ކުޅެމުން ގޮސް ފުރަތަމަ ސެޓު ނިންމީ 18-21 އިންނެވެ.

ދެވަނަ ސެޓު ފެށުނީއްސުރެން ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅެމުން ދިޔައީ ރާއްޖޭގެ ކުޅުންތެރިންނެވެ. އެ ސެޓު ފަސޭހަކަމާއެކު ރާއްޖޭއިން ގެންދިޔައީ 16-21 ގެ ތަފާތަކުންނެވެ.

މިއަދުގެ ދެވަނަ މެޗުގައި ވެސް ރާއްޖޭގެ ދެ ޕެއާއިން މޮޅު ކުޅުމެއް ދެއްކިއެވެ. އެ މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 17-21 އިން ރާއްޖޭގެ ޕެއާއިން މޮޅުވި އިރު ދެވަނަ ސެޓު ފެށިގެންވެސް ރާއްޖެއިން ބޮޑު ލީޑެއް ނެގިއެވެ. ނަމަވެސް ބަންގްލަދޭޝްގެ ހޮސެން މުހައްމަދު މޮނީރް އަދި އަލީ މުހައްމަދު ޝާޙްޖަހާންގެ ޕެއާ ވަނީ ފަހަތުން އަރައި ކުޑަ ތަފާތަކުން މޮޅު ވެފައެވެ. އެ ސެޓު އެ ޕެއާއިން ގެންދިޔައީ 18-21 އިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ޕެއާގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. އެހެން ނަމަވެސް ފަހުވަގުތު ބަންގްލަދޭޝްއިން މެޗު ކާމިޔާބު ކުރީ 13-15 އިން ސެޓު ހޯދައިގެންނެވެ.

މިއަހަރު މޮރިޝަސްގައި އޮތް އައިއޯއައިޖީގައި ވެސް ރާއްޖޭގެ ބީޗް ވޮލީ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ބީޗް ވޮލީއިން ރިހި މެޑަލް ހޯދައިފަ އެވެ. އެފަހަރު މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކެޕްޓަންގެ ގޮތުގައި ކުޅުނު ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) މިފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ބައިވެރިއެއް ނުވެ އެވެ.

ނަމަވެސް މަންކޭ އަންނަނީ މުބާރާތުގެ އަންހެން ބީޗް ވޮލީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށް ފިރިހެން ޓީމަށް ވެސް އިރުޝާދު ދެމުންނެވެ.

comment ކޮމެންޓް