ގަވައިދާ ހިލާފަށް ގެސްޓުހައުސް ހިންގައި ވިޔަފާރިކުރި ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ގަވައިދާ ހިލާފަށް ގެސްޓު ހައުސް ހިންގައި ވިޔަފާރިކުރި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ގަވައިދާ ހިލާފަށް ރަޖިސްޓްރީނުކޮށް ގެސްޓްހައުސްއާއި ވިޔަފާރިކޮށް އިމިގްރޭޝަންގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ހައްޔަރުކުރީ ޖަހަންގިރު އާލަމް (41 އަހަރު) އާއި މުހައްމަދު ޝާރިފް (27 އަހަރު) އަދި 39 އަހަރުގެ އަބްދުލްގަނީ ކިޔާ މީހެއް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި "ގެސްޓްހައުސް"ގެ ދިރިއުޅުމުގެ ހާލަތު ހުރީ ވަރަށް ދަށް ފެންވަރުގައި ކަމަށެވެ. އެގޮތުން އެތަނުގައި ވައި ދައުރުކުރާނެ ރަނގަޅު ނިޒާމެއް ނެތްކަމަށާއި އަދި އެއީ ސާފުތާހިރުކަންވެސް ކުޑަ، ދިރިއުޅެން ނުރައްކާތެރި ތަނެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެތަނުގައި ގަވައިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކުރުމުގެ ވިޔަފާރިވެސް ކުރަމުން ދިޔަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ މަހު 28 ވަނަ ދުވަހު ރެއިޑްކުރި "ގެސްޓްހައުސް" ހުރީ ކޮން ތަނެއްގައިކަން އިމިގްރޭޝަނުން ހާމައެއް ނުކުރިއެވެ.

ހައްޔަރުކުރި ތިން މީހުންގެ އަތުގައިވެސް ވޯކް ވިސާ ނެތް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ "ގެސްޓްހައުސް"އިން ގަވައިދާ ހިލާފަށް ވޯކް ވިސާ ނެގި އުޅޭ 71 ބިދޭސީއަކު ފެނުނުކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

https://sun.mv/128188

ރެޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް "ގެސްޓްހައުސެއް" ހިންގަމުން ދިޔަ ބިދޭސީއަކު މިދިޔަ އާދިއްތަ ދުވަހުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ އިރު، ސަރުކާރުން ވަނީ އެމީހުން ގަވައިދުގެ ތެރެއަށް ފެއްތުމަށްޓަކައި ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމެއްވެސް ފަށާފައެވެ.

https://sun.mv/121827

ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރެޖިސްޓްރީވާން މިހާތަނަށް 14،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެޕޮއިންޓްމަންޓް ދޫކޮށްފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރެއިން 90 ޕަސަންޓު މީހުންގެ އަތުގައި ޕާސްޕޯޓެއް ނެތްކަމަށެވެ.

comment ކޮމެންޓް