ކައުންސިލަރުން ވަކިކުރެވޭ އިސްލާހު ގެނައީ ހެޔޮ ނިޔަތުގައި: އަލީ ނިޔާޒް

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު --- ފޮޓޯ/ މަޖިލިސް

ލޯކްލަ ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ކައުންސިލަރުން، ކައުންސިލުގެ ރައީސުން ނުވަތަ މޭޔަރުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ކައުންސިލަރުން ޖަވާބުދާރީ ކުރުވުމަށް ހެޔޮ ނިޔަތުގައި ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އަލީ ނިޔާޒެވެ. ލާމަރުކަޒީ ކޮމިޓީއިން ބިލު އިސްލާހުކޮށްގެން މަޖިލީހާ ހަމައަށް އައިއިރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ކައުންސިލަރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅައި އިސްލާހު ނުކޮށްފި ނަމަ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކައުންސިލަރުން މަގާމުން ވަކު ކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު ކޮމިޓީއިން ވަނީ އިސްލާހުކޮށްފަ އެވެ.

ކޮމިޓީއިން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ނިޔާޒު ވިދާޅުވީ ކައުންސިލަރުން މަގާމުން ވަކިކުރެވޭގޮތަށް ލާމަރުކަޒީ ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހާ މެދު އާންމު ރައްޔިތުންގެ މެދުގައި ބޮޑު ހިޔާލުތަފާތުވުމެއް އެބައޮތް ކަމަށެވެ.

"ވަރަށް ބޮޑަށް ހިޔާލު ތަފާތު. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަޅުގަނޑުމެން އަރައިގަނެ އަދި އިތުރު ބާރުތަކެއް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ޖަމާކޮށް އަޅުގަނޑުމެން ޑިކްޓޭޓާޝިޕެއް ހިންގަން އުޅޭ ކަމުގެ ވާހަކަވެސް ދެކެވިފައި އެބައޮތް. އެހެން ނަމަވެސް އެނަން އަޅުގަނޑުމެން އެޅޭކަށް ބޭނުމެއް ނެތް. އަޅުގަނޑުމެންގެ ނިޔަތަކީ ހެޔޮ ނިޔަތުގައި މިކަން ކުރުން." އަލީ ނިޔާޒު ވިދާޅުވި އެވެ.

ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް އެމާއްދާ ހިމެނި ސަބަބު ވެސް އަލީ ނިޔާޒު ވިދާޅުވި އެވެ. ނިޔާޒު ވިދާޅުވީ ކައުންސިލުތަކަށް ބޮޑެތި ޒިންމާތަކާއި މާލީ ބާރުވެރިކަން ދޭއިރު ކައުންސިލަރުން ޒިންމާދާރު ކުރެވޭނެ ގޮތްތަކެއް އޮންނަން ޖެހޭނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް އެނގޭ އިސްލާހެއް އެބައޮތް މިތަނުގައި. އެ މާއްދާ އެގޮތަށް އުވާލުމަށް. އެވެސް އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން އެޔަށް ތާއީދު ކުރަން." ނިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ ވޯޓުން ހޮވާ ބަޔަކު ރައްޔިތުންގެ ވޯޓުން ވަކިކުރެވޭ ގޮތަށް ހަދަންޖެހޭ ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އެގޮތަށް ހަދަން ބަލާއިރު ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް ހުރި ކަމަށް ނިޔާޒު ވިދާޅުވި އެވެ. ރައްޔިތުން ނަގާ އިތުބާރު ނެތް ކަމުގެ ވޯޓަކުން ކައުންސިލަރުން ވަކި ކުރެވޭ ގޮތް ހަދައިފި ނަމަ "ހަފްތާއަކު އެއްފަހަރު އިމްޕީޗްމެންޓް ނަގަން ނުޖެހޭނެތޯ" ސުވާލު އުފެދޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"ދެން އޮތީ އެކަންކަން ކުރުމުގެ އިހުތިޔާރު ކޯޓުތަކަށް ދޫކޮށްލާނީތޯ. ކޯޓުތަކަށް ދޫކޮށްލީމަ ކަންކަން ވާގޮތްވެސް އެބަފެނޭ. އަނެއްކާ މިއީ އެގްޒެކެޓިވް ފަންކްޝަނެއް. އެހެންވީމާ އެގްޒެކެޓިވް ފަންކްޝަނެއްގެ އިމްޕީޗްމެންޓް އެންމެ ފަހުން ގޮސް ނިމޭ ހިސާބަކީ ކޯޓުތަައް ކަމަށް. ގާނޫނުއަސާސީގައި އަޅުގަނޑުމެންނަކަށް ނުފެނުނު އެ ތަސައްވަރެއް އޮތް ކަމަކަށް." އަލީ ނިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަންދޫބުން އެންމެ ގިނައިން ތިބިތަން ކަމަށާއި، އެހެންވީމަ ބައެއްގެ މެދުގައި މަޖިލީހުގެ މެމްބަރުންނާ މެދު ހިތް ނުތަނަވަސްކަމެއް އޮތް ނަމަވެސް އެކަން ކުރަން އެންމެ ރަނގަޅީ މަޖިލީހުން ކަމަށް ދެކުނު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އެ އިސްލާހު އެގޮތަށް ގެނައީ ވަކި ޕާޓީއަކުން މެޖޯރިޓީ ހޯދާނެ ކަމަކަށް ނޫން ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އަދި ގާނޫނު ދިރާސާ ކުރުމުގައި އެއްވެސް ކުލަޔަކަށް ބަލާފައި ނޯންނާނެ ކަމުގެ ޔަގީންކަން އަލީ ނިޔާޒު ދެއްވި އެވެ.

ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

"ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުންވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވެ އެވެ." ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވެ އެވެ.

ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ ކަމަށްވެސް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް