ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް އެކުލަވާލައި ބަންޑާރަނައިބުގެ އޮފީހުން، ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށެއް ތަހުގީގު ކުރުމާއި، އެފަދަ ކުށްތަކުގައި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމާ ގުޅޭ ކަންތައްތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނަށް އިސްލާހެއް ގެނައުމުގެ ބިލެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް މިއަދު ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނި ގޮތުގައި ސަރުކާރުން އެ ބިލު ހުށަހަޅަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ގާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށާއި އެނޫނަސް އެ ގާނޫނުގައި ފުރިހަމަކުރުމަށް ހުރި މުހިންމު ކަންކަން ފުރިހަމަކުރުމަށްޓަކައެވެ. ނަމަވެސް އިސްލާހު ގެންނަނީ ކޮން މާއްދާތަކަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސްދީގު ކުރި ފަހުން އެ ގާނޫނަށް ގެންނަ ދެވަނަ އިސްލާހެވެ.

comment ކޮމެންޓް