ގާސިމްގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު

ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި، ގާސިމްގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމައިފި އެވެ.

އދ. މާމިގިލި، އުމުރުން 59 އަހަރުގެ ގާސިމްގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އޮންނާނީ އާސަހަރާ މިސްކިތުގައި ކަމަށް "ކަށުނަމާދު އެމްވީ"ގައި ވަނީ ބުނެފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ ތަރުޖަމާނު އާޝިޔާ ސޯލިހު ވިދާޅުވީ ރޭ 21:22ގައި ގާސިމް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އާޝިޔާ ވިދާޅުވީ އޭނާގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ހިތިގަސްމަގުގައި ޒަހަމްތަކަކާ އެކު މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް ރޭ 21:07ގައި ލިބިފައިވާ ކަމަށެވެ.

އަދި ސީންއަށް އެޓެންޑްވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާ މަރުވެފައިވާ ކަމަށް 21:50ގައި ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމެންޓާއި ފޮރެންސިކް ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް އެ މައުލޫމާތު ހިއްސާ ކުރުމަށް ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް