ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ނަޒީރު: އެ މަގާމަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން އިން އިއްޔެ ނެރުނު އިއުލާންގައި ބުނެފައި ވަނީ، އެ މަގާމަށް ކުރިމަތިލުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހު މެންދުރު 1:00ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށެވެ.

ފަސް އަހަރުގެ މުއްދަތަކަށް ހޮވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ޖުމްލަ މުސާރައަކީ، 47،500 އެވެ.

ޝަރުތުތަކަކީ އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމުގެ އިތުރުން އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ. އޭގެ އިތުރުން މުސްލިމަކަށް ވުމާއި، ދިވެހި ރައްޔިތަކަށްވުން އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުންވެސް ޝަރުތުތަކުުގެ ތެރޭގައި ހިމެނެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ މެދުގައި ކުރެވޭ އިންޓަވިއުގައި ބަލާނީ ތައުލީމް، ތަޖްރިބާ އަދި ގާބިލް ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ގާނޫނަށް ގެނައި އިސްލާހާ އެކު، ކުރިން ސުޕްރީމްކޯޓުގެ ބެލުމުގެ ދަށުގައި އޮތް ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ، ޖޭއެސްސީގެ ދަށުންނެވެ.

ޑީޖޭއޭގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަލުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރާ ހިސާބުން މިހާރު ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ މާގާމުގައި ހުންނެވި ޑރ. ނަޒީރުގެ މަގާމު ގެއްލޭނެ އެވެ. ޑރ. ނަޒީރު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މަގާމަށް ހަމަޖެއްސެވީ ނޮވެންބަރު 28، 2018 ގައެވެ.

https://sun.mv/112276

comment ކޮމެންޓް