އާ ސަރުކާރާ ބައްދަލުކުރުމަށް ޝާހިދު ލަންކާއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ސްރީލަންކާގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްޓަކައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާ ސްރީލަންކާގެ ގުޅުމާއި އެއްބާރުލުން އެތައް ގަރުނަކަށް ދެމިގެންދާ ކަމަށާއި، ސްރީލަންކާގެ އާ ސަރުކާރާއެކު އުފެއްދުންތެރި ބައްދަލުވުންތަކެއް ބޭއްވުމަށް އުންމީދުކުރައްވާ ކަމަށެވެ.

ސްރީލަންކާގައި މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގައި އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސައެވެ.

ރައީސް ގޯޓާބަޔަގެ ވެރިކަން އައުމާއެކު އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަކީ އާ ރައީސް ބޭނުންފުޅުވާ ގޮތަށް ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ދެއްވުމަށްޓަކައި އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެގައުމުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ މަހިންދަ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުކަމަށް ވަޑައިގެންފައެވެ.

އަދި މިހާރު ސްރީލަންކާގެ ރައީސްކަމާއި ބޮޑުވަޒީރުކަމުގައި ހުންނެވި ރާޖަޕަކްސަ ދެބެއިން ވަނީ އާ ކެބިނެޓެއްވެސް އެކުލަވާލާފައެވެ. އާ ކެބިނެޓުގައި ފޮރިން މިނިސްޓަރަކީ ދިނޭޝް ގުނަވަރުދަނައެވެ.

comment ކޮމެންޓް