އިންޑިއާއިން ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދެނީ

އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ތިން ދާއިރާ އަކުން ދޭ އެހީ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ އަންނަ އަހަރު އިންޑިއާއިން ރާއްޖެއަށް އިތުރު އެހީތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލަކާއި، ކްރިކެޓް ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

"ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލަކާއި ކްރިކެޓް ސްޓޭޑިއަމް އެއް އެޅުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" މޯދީ ވިދާޅުވިއެވެ.

އިންޑިއާއިން މިއަދު ވަނީ އައްޑޫ ސިޓީގައި ތިން ގޭދޮށު މަސް ފެކްޓްރީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މޯދީގެ ވާހަކަފުޅުގައި މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށް ވިދާޅުވެ، އެކަން ފާހަގަ ކުރެއްވިއެވެ.

މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އެންމެ ބޮޑަށް ބަދަހިވަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ ބީއެމްއެލްގެ އެއްބާރުލުމާއެކު އިންޑިއާގައި ބޭނުންކުރާ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކުރުމަކީ ރާއްޖެ ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންނަށް އިތުރު ލުޔަކަށް ވާނެ ކަމަށެވެ.

"ރުޕޭ ޕޭމެންޓް މެކޭނިޒަމްއާއެކު ރާއްޖެ ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ބޮޑު ލުޔަކަށް ވާނެ. ބީއެމްއެލްގެ އެއްބާރުލުމާއެކު މި ޕޭމެންޓް ސިސްޓަމް ގާއިމުކުރުމަކީ ލިބުނު ކުރިއެރުމެއް،" މޯދީ ވިދާޅުވިއެވެ.

މިހާރުވެސް އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓުތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އިތުރު އެހީތައް ފޯރުކޮށްދޭނެކަމަށް މޯދީ ވިދާޅުވިއެވެ.

comment ކޮމެންޓް