75 މީހުންގެ ފަސް ލައްކަ ރުފިޔާއަށް މަކަރުހެދި މީހަކު ހަތަރު އަހަރަށް ގޭބަންދުކުރަން ހުކުމްކޮށްފި

"ޕްރީ އޯޑަރ އެމްވީ"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހުޅުވައި، އެ ޕޭޖުން އިލެކްޓްރޯނިކް ސާމާނު ގެނެސްދޭނެ ކަމަށް އިޝްތިހާރުކޮށް ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އެ ތަކެތި ގެނެސްދީފައި ނުވާތީ އެ ޕޭޖުގެ ވެރިޔާ ހަތަރު އަހަރު ދުވަހަށް ގޭބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހަތަރު އަހަރަށް ގޭބަންދު ކުރަން ހުކުމް ކޮށްފައި ވަނީ އެ ޕޭޖުގެ ވެރިޔާ ވ. ކްލޭޓަން، މޫސާ ނަހްޒާން ނަސީމް އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މައްސަލަ ޝަރީއަތުން ބެލި ބެލުމުން، ނަހްޒާން 2017 ވަނަ އަހަރު "ޕްރީ އޯޑަރ އެމްވީ"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހުޅުވައި، އެ ޕޭޖުން އިލެކްޓްރޯނިކް ސާމާނު ގެނެސްދޭނެ ކަމަށް އިޝްތިހާރުކޮށް، އެކި ފަރާތްތަކުގެ އޯޑަރު ކުރިއަށް ނަގައި، ތަކެތި ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން 75 މީހެއްގެ އަތުން ރުފިޔާ ނަގައިފައިވާ ކަމަށެވެ.

އެގޮތުން އެމީހުންގެ އަތުން ޖުމްލަ 564،651 ރުފިޔާ ނަގާފައިވާ ކަމަށް ހުކުމްގައިވެއެވެ.

ނަހްޒާން ވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ އިތުރުން، ޝަރީއަތުގައި ވެސް އެމީހުންގެ އަތުން ރުފިޔާ ނެގުމަށްފަހު، އެތަކެތި ގެނެސްދީފައިނުވާކަމަށް ބުނެ، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އިއުތިރާފުވެފައެވެ.

އެހެންކަމުން އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް، ކޯޓުން ހުކުމް ކޮށްފައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުން ނަހްޒާން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ކުށުގެ އުގޫބަތެއްގެ ގޮތުން އޭނާ ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމަށެވެ.

މައްސަލައިގައި ނަހްޒާން އާއި ޕްރޮސެކިއުޓާ ޖެނެރަލް އާދެމެދު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. ނަހްޒާންގެ މައްޗަށް ދައުވާކޮށްފައި ވަނީ އެއްބަސްވުމުގެ ދަށުން ނަމަވެސް، އޭނާގެ މާލީ ހާލަތު ހުރިގޮތުން، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ތާރީހުތަކުގައި ބަދަލު ލިބޭ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދެވެން ނެތް ކަމަށާއި އެހެންކަމުން އިއުތިރާފުގެ އެއްބަސްވުން އުވާލަން ބޭނުންވާކަމަށް ނަހްޒާންގެ ފަރާތުން ބުނެފައިވާތީ، އެ އެއްބަސްވުން ބަލައިނުގަންނަން ޝަރީއަތުން ވަނީ ނިންމައިފައެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ނަހްޒާން ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި މައްސަލައިގައި ލުއި އަދަބެއް ކަނޑައަޅައިދިނުމަށާއި، އެގޮތުން ގޭގައި ބަންދުކުރުމުގެ އަދަބު ކަނޑައަޅައިދިނުމަށް އެދޭކަމަށް ނަހްޒާންގެ ފަރާތުން ވަނީ ބުނެފައެވެ.

އަދި މައްސަލައާ ގުޅިގެން ނަހްޒާންގެ ކުށުގެ ރެކޯޑު ސާފުކުރި އިރު މިއީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަން އެނގެން އޮންނަ ކަމަށް ވެސް ގަޒިއްޔާ ނިންމިގޮތުގެ ރިޕޯޓުގައިވެއެވެ.

މި ކުށަށް ކަނޑައެޅިފައިވާ އަދަބުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނަމަވެސް މައްސަލައިގައި އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްތޯ ބެލި އިރު، ނަހްޒާންގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު މަތިކުރަން ޖެހޭ ފަދަ ސަބަބެއް އެނގެން ނެތް ކަން ފާހަގަކޮށްފައިވެއެވެ.

އަދި އިބްތިދާއީ އަޑުއެހުމުގައި ނަހްޒާން ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގައި އިއުތިރާފް ދަމަހައްޓާފައި ވާތީ އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްވާނެކަން އެނގެން އޮންނަ ކަމަށް ގަޒިއްޔާ ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.

އެގޮތުން މި މައްސަލައިގައި އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ގޭބަންދުކުރަން ހުކުމްކޮށްފައި ވަނީ އެއީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ޝަރީއަތަށް ފެންނާތީ ކަމަށް ހުކުމްގައިވެއެވެ.

ދައުވާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އަތުން ނަހްޒާން ނަގާފައިވާ ފައިސާގެ ބަދަލު އޭނާގެ އަތުން ހޯދަން ބޭނުންވާ ކަމަށް އެ ދައުވާގައި ބުނެފައި ވާތީ، ބަދަލު ލިބޭ ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާކަން ގަޒިއްޔާ ނިންމިގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

comment ކޮމެންޓް