ހަމްބަންތޮޓަ ބަނދަރު ތަރައްގީކުރާނީ މިހާރު އޮތް އެއްބަސްވުމާ އެއްގޮތަށް: ޗައިނާ

މީގެ ކުރިން ޗައިނާއިން ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވޫ ޖިއަންހައޮ ވަނީ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާ ބައްދަލު ކުރައްވާފަ -- ފޮޓޯ: ނިއުސްފަސްޓް

ކޮލަމްބޯ (ޑިސެމްބަރު 4): ސްރީލަންކާއިން ޗައިނާއަށް ކުއްޔަށް ދިން ހަމްބަންތޮޓަ ޑިސްޓްރިކްޓުގެ ބަނދަރު ތަރައްގީކުރާނީ މިހާރު ދެ ގައުމުގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށްކަމަށް ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފިއެވެ.

ޗައިނާގެ އެމްބަސީން އެފަދައިން ބުނީ، ހަމްބަންތޮޓަ ބަނދަރު 99 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ ބެހޭ ގޮތުން އަލުން އެގައުމާއެކު މަޝްވަރާ ކުރާނެ ކަމަށް ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވި ފަހުންނެވެ.

އެ އެމްބަސީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން މީގެ ކުރިން ޗައިނާއިން ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވޫ ޖިއަންހައޮ ވަނީ ރައީސް ގޯޓާބަޔައާ ބައްދަލު ކުރައްވާފައެވެ. އަދި ދެ ގައުމުން ވަނީ ކޮލަމްބޯ ޕޯޓް ސިޓީއާއި ހަމްބަންތޮޓަ ބަނދަރު ފަދަ ބޮޑެތި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދަން އެއްބަސްވެފައެވެ. އަދި އެ ބަޔާނުގައި ވަނީ އެ މަޝްރޫއުތައް ކުރިއަށްގެންދާނީ މިހާރު އޮތް އެއްބަސްވުންތަކާ އެއްގޮތަށްކަން ފާހަގަކޮށްފައެވެ.

ކުރީގެ ސަފީރު ވޫ ލަންކާގައި ހުންނެވީ މިހާރުގެ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންގެ ވެރިކަމުގައެވެ. އޭރު ގޯޓާބަޔަ ހުންނެވީ ޑިފެންސް މިނިސްޓަރުގެ ސެކްރެޓަރީގެ މަގާމުގައެވެ.

ލަންކާއިން ހަމްބަންތޮޓަ ބަނދަރު ޗައިނާއަށް ކުއްޔަށް ދޭން ނިންމީ، އެ ބަނދަރު އަޅަން ޗައިނާއިން ދިން ލޯނު އަނބުރާ ދެއްކެން ނެތުމުންނެވެ. ލަންކާއިން އެ ލޯނު ނެގީ މަހިންދަގެ ވެރިކަމުގައެވެ.

މަހިންދަ ލަންކާގެ ވެރިކަން 10 އަހަރަށް ކުރެއްވި އިރު، އޭނާގެ ދެވަނަ ދައުރުގައި ޗައިނާއިން ލަންކާގައި ހަމްބަންތޮޓަ ބަނދަރާއި އާ އެއާޕޯޓަކާއި ޕަވާ ޕްލާންޓަކާއި ހައިވޭތައް އެޅުމަށް 4.8 ބިލިއަން ޑޮލަރުގެ ލޯނު ދިނެވެ. އަދި ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ، ހަމްބަންތޮޓަ ބަނދަރު ކުއްޔަށް ދިނުމަށް ހެދި 1.1 ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގެ ސަބަބުން އެ ލޯނު ދައްކަން ފަސޭހަވާނެކަމަށް ކުރިން ވިދާޅުވެފައެވެ.

ލަންކާގެ ބައެއް ރައްޔިތުންނާއި އިންޑިއާއިން ވަނީ ޗައިނާއިން އެ ބަނދަރު އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ. އަދި ގޯޓާބަޔަ ދެއްވި އިންޓަވިއުގައި އޭނާ ވަނީ މަހިންދަގެ ވެރިކަމުގައި ޗައިނާއާއެކު އޮތީ މުޅިންވެސް ވިޔަފާރީގެ ގުޅުމެއްކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް