އިންޑިއާއިން ގޭދޮށު މަސްފެކްޓަރީ އަޅައިދީ، ރުޕޭ ކާޑް ތައާރަފް ކުރަނީ

ރާއްޖެއަށް އިންޑިއާ އިން އެހީ ދިނުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ބޮޑެތި އެހީތަކެއް ދޭން އިންޑިއާ އިން ނިންމާ، އެއްބަސްވުންތައް މިއަދު ބަދަލުކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި މައިގަނޑު ތިން ދާއިރާ އަކުން އެހީ ދިނުމަށް އެއްބަސްވުންތައް ވަނީ ބަދަލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާއްޖެއަށް އިންޑިއާ އިން ދިން އެހީ:

  • މާލޭގެ މަގުތަކުގައި ލެޑް ބައްތި ހަރުކުރުން
  • ކޯސްޓްގާޑަށް ފާސްޓް އިންސްޕެކްޓާ އުޅަނދެއް
  • ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް އެހީ

މީގެ އިތުރުން އިންޑިއާގެ ގިނަ ބަޔަކު ބޭނުންކުރާ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފު ކުރުމުގެ އެއްބަސްވުންވެސް ދެގައުމުގެ ދެމެދު މިއަދު ވަނީ ބަދަލުކޮށްފަ އެވެ. ރުޕޭ ކާޑު ރާއްޖެއަށް ތައާރަފު ކުރުމާއެކު ބީއެމްއެލްގެ ކޭޝްކާޑު އޭޓީއެމްތަކުގައި މި ކާޑު ބޭނުން ކުރެވޭނެއެވެ. މިއީ 2012 ވަނަ އަހަރު އިންޑިއާގެ ޕޭމަންޓްސް ކޯޕަރޭޝަނުން ތަައާރަފުކުރި ޑެބިޓް ކާޑެކެވެ.

މާލޭގައި މަގުބައްތި ހަރުކުރުމަށް ދިން އެހީގެ ދަށުން މިހާރުވެސް މާލޭގެ ބައެއް މަގުތަކުގައި ވަނީ ބައްތި ހަރުކޮށްފައެވެ.

ގޭދޮށު މަސްފެކްޓްރީ ތިން ރަށެއްގައި ގާއިމް ކުރާނެއެވެ. މިކަމުގެ އެއްބަސްވުން ބަދަލުކުރުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މި އެއްބަސްވުމުގެ ދަށުން އައްޑޫ އާއި ކ.ގާފަރު އަދި ރ. މަޑުއްވަރީހައި މަސް ފެކްޓްރީ އަޅާނެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް 1.4 ބިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު އޭގެ ތެރެއިން ބޮޑުބަޔެއް ހަރަދު ކުރަނީ ސޯޝިއޯ އިކޮނޮމިކް މަޝްރޫއުތައް ހިންގުމަށެވެ.

comment ކޮމެންޓް