އިންކަމް ޓެކްސް ނެގުމަށް ނަފުރަތު ކުރަން، ރައްޔިތުން ވެސް ތައްޔާރެއް ނޫން: ޖާބިރު

އަބްދުﷲ ޖާބިރު: އޭނާ ވަނީ އިންކަމް ޓެކެސް ނެގުމާއި ދެކޮޅަށް ވާހަކަ ދައްކާފައި

އިންކަމް ޓެކްސް ނެގުމަށް ނަފުރަތު ކުރާ ކަމަށާއި އެކަަމަށް ދިވެހި ރައްޔިތުން ވެސް ތައްޔާރެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލުގެ ފަހު މަރުހަލާގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ޓެކްސް ނަގަން ޖެހޭނީ ނިޒާމްތައް ބަރާބަރަށް ހަރުދަނާ ކުރުމަށް ފަހު ކަމަށާއި އެކަމަށް ދިވެހި ރައްޔިތުން ތައްޔާރު ނޫން ކަމަށެވެ.

"އިންކަމް ޓެކްސް ނަގަން އަޅުގަނޑު ނަފުރަތު ކުރަން. މިއިކީ މުނާސަބު ވަގުތެއް ނޫން. މި ބިލް އޮފްލޯޑް ކޮށް އެބޯޓް ކުރާށޭ ވަގުތުން ވަގުތައް. މި ރާއްޖޭގެ ރައްޔިތުން ތައްޔާރެއް ނޫން ޓެކްސް ދައްކާކަށް،" ޑީއާރުޕީގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވި އެވެ.

އެ ޕާޓީގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނުނަގާނެ ކަން ޖާބިރު ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އެއްވެސް ޓެކެސްއެއް ނުނަގައި މި ރާއްޖެ މެނޭޖް ކުރެވޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަން ފެނިގެން ނުދަނީ 'ރާއްޖެ މެނޭޖް' ކުރަން ނޭނގޭ ބަޔަކު ތިބީމާ ކަން ޖާބިރު ފާހަގަ ކުރެއްވި އެވެ.

"މިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބަރާބަރަށް ލާރި ދެވޭ ވަރަށް ރާއްޖޭގައި ލާރި އެބަހުރި. ވައްކަން ކުރުމުގެ ނިޒާމްތައް ފުނޑާލަންވީ،" ޖާބިރު ވިދާޅުވި އެވެ.

ތަފާތު އެކި ނަން ނަމުގައި ރައްޔިތުންގެ އަތުން ޓެކްސް ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވާ ކަމުގެ ތުހުމަތު ޖާބިރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ވަގަށް ނަގާފައިވާ ފައިސާތައް ދައުލަތުން ހޯދަން ޖެހޭނެ ކަމަށެވެ

"ޓެކްސް ނަގަނީ ތަހުޒީބް އަމާނާތްތެރިން ތިބޭ ގައުމުތަކުގައި. މިތާންގަ ޓެކެސް ޕޭޔަރުންގެ މަނީ ނުބައިކޮށް ދިޔަކަމުގެ ވަރަށް ސާފު ބަރާބަރު ހެކި އެބަހުރި،" ޖާބިރު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ގާނޫނަށް ކޮމެޓީ މަރުހަލާގައި ހަ އިސްލާހެއް ގެނަ އެވެ. އޭގެ އިތުރުން، މަޖިލީހުގެ ތަޅުމުން 26 އިސްލާހެއް އެ ބިލަށް މިހާރު ހުށަހެޅިފައިވާ ކަމަށް ރިޔާސަތުން މިއަދު ވިދާޅުވި އެވެ.

އިންކަމް ޓެކްސް ބިލް މިއަދު މަޖިލީހުން ފާސް ކުރާނެ އެވެ. އަދި ބިލް ތަސްދީގު ކުރާތާ، ތިން މަސްފަހުން އާމްދަނީ އިން ޓެކްސް ނަގަން ފާށާނެ އެވެ.

comment ކޮމެންޓް