ކައުންސިލުތަކަށް ބާރުދީ އަޒުލު ކުރުން މުށުތެރެއަށް، ރައްޔިތުން ރަތަށް!

ރައީސް ސޯލިހު އައްޑޫ ސިޓީ ކައުންސިލަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލަރުން މަގާމުގެ ނުފޫޒު ބޭނުން ކުރުން ނުވަތަ ގާނޫނާ ހިލާފު އެހެންވެސް ކަމެއް ކޮށްފި ނަމަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރުހުމާއެކު ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން އެފަދަ ކައުންސިލަރަކު ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިވަނީ ބަދަލުގެނެސްފަ އެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އެ ބިލް ދިސާރާ ކުރުމަށް ފަހު، މި ގެނައި ބަދަލާއެކު އާންމު ރައްޔިތުންނާއި ބައެއް މަޖިލިސް މެމްބަރު އަދި ގާނޫނީ ބައެއް ބޭފުޅުންވެސް މިވަނީ ހިތްހަމަނުޖެހިފަ އެވެ.

ބައެއް މީހުން އެކަން ސިފަކުރީ، އެއީ ކައުންސިލުތަކަށް ބާރުތަކެއްދީ ކައުންސިލަރުން މަޖިލީހާއި ސަރުކާރުގެ މުށުތެރެއަށް ލައި ފިއްތާލުން ކަމަށެވެ. އަދި އެ ބަދަލަކީ އެންމެ އެކަށީގެންވާ ބަދަލެއް ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ. އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުގެ ރާގުވެސް ހުރީ ހަމަ މިގޮތަށެވެ.

ރައްޔިތުންގެ އަނެއް ކަންބޮޑުވުމަކީ ރައްޔިތުންގެ ވޯޓުން ހޮވާ ކައުންސިލަރުން މަގާމުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދޭއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނާ ހިލާފުވެއްޖެ ނަމަ ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމެއް ކުރި ނަމަވެސް ވަކިކުރެވޭނެ އެއްވެސް އުސޫލެއް ނެތުމެވެ. އެކަމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ. އެ މީހުން ދެކޭ ގޮތުގައި ދެކޮޅުވެސް އޮންނަން ޖެހެ އެވެ. މެންބަރުން ވެސް ބޭރު ކުރެވެން ޖެހޭނެ އެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީ ކައުންސިލަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

"ކައުންސިލަރުންވެސް ހޮވަނީ ރައްޔިތުން. މަޖިލިސް މެމްބަރުންވެސް ހޮވަނީ ރައްޔިތުން. ރައްޔިތުން ހިތްހަމަނުޖެހުނީމަ މަޖިލިސް މެމްބަރުންވެސް ވަކިކުރެވޭނެ ގޮތަށް އޮންނަން ވާނެ." އާންމު ރައްޔިތަކު ސޯޝިއަލް މީޑިއާގައި ފާޅުކޮށްފައިވާ ހިޔާލެއްގައި ބުނެފައިވެ އެވެ.

އަނެއްބަޔަކު ދެކޭ ގޮތުގައި ކައުންސިލުތަކަށް ބާރު ދެނީ ކަމަށް ބުނެ، މަޖިލީހަށް ކައުންސިލަރުން އަޒުލުކުރެވޭ ގޮތަށް ހެދުމަކީ އެމްޑީޕީއިން ރައްޔިތުންނަށް ކުރި މަލާމާތެކެވެ.

"ތިހެން ވިއްޔާ ރައްޔިތުން ވޯޓު އަޅައިގެން [ކައުންސިލަރުން] ހޮވުމުގެ ބޭނުމެއް ނެތެއްނު." މީހަކު ބުނެފައިވެ އެވެ.

މިފަހަރުގެ ކައުންސިލު އިންތިހާބުގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވާ އަދި ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުވެސް ވަނީ އެ އިސްލާހާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ނުކުމެ ހޮވާ މަގާމުތަކުން އެމީހުން ވަކިކުރެވެން ޖެހޭނީވެސް އެ ރައްޔިތުންނަށް ކަމަށެވެ. އަދި ބިލު ބަދަލު ކުރަން ނިޒާރު ވަނީ ގޮވާލައްވައިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުން ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސަކު ނުވަތަ މޭޔަރަކު ވިޔަސް ގާނޫނާ ހިލާފު ކަމެއް ކޮށްގެން އެކަން އިސްލާހު ކުރުމަށް އަންގަން ޖެހޭނެ އެވެ. އަދި އެންގުމުން އެކަމެއް އިސްލާހު ނުކޮށްފި ނަމަ އެލްޖީއޭއަށް އެ ކައުންސިލަރަކު މަގާމުން ވަކިކޮށް ދިނުމަށް އެދި މަޖިލީހަށް ހުށަހެޅި ދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

"ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވެ އެވެ." ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވެ އެވެ.

ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ ކަމަށްވެސް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފަ އެވެ.

މެމްބަރުންގެ ރުހުމާއި، ނުރުހުން

އެ އިސްލާހަށް ދެކޮޅު ހަދައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ވާހަކަދައްކާފަ އެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށެވެ.

"ރަށެއްގެ ރައްޔިތުން އެ ރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެ." މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށް ބައެއް މީހުން ދައްކާ ވާހަކައަށް ރައްދު ދެއްވައި އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ މަޖިލީހުގައިވެސް އަދި ހުރިހާ ސިޔާސީ ޕާޓީތަކެއްގައި ތިބި އެންމެން ވޯޓުލައިގެން ހޮވާފައި ހުންނަ މީހެއް ވުމުން ހާލަތު ތަފާތުވާ ކަމަށެވެ. ކައުންސިލަރުން ހޮވަން ވޯޓުނުލާ ބަޔަކު އެ މީހުން ވަކި ކުރަން ވޯޓުލުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ކުޅުދުއްފުށި އުތުރުު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްތީފުވެސް ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވާފަ އެވެ.

ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުމަށް ބައެއް މެމްބަރުން ތާއީދު ކުރެ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ނައިބު މުގައްރިރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ޒިންމާދާރު، އިތުބާރާ ހައިބަތުހުރި ކައުންސިލްތަކެއް އުފެއްދުން އެއީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. ހަތަރު މަރުހަލާއަށްފަހު ފަސްވަނަ މަރުހަލާގައި މަޖިލިސްއަށް ކައުންސިލަރުން ވަކިކުރުމުގެ ބާރު ދެނީ އެލްޖީއޭއަށް އެބާރު ނުދޭން ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.

"އަދި ކައުންސިލަރުން ވަކި ކުރުން އެންމެފަހު ފިޔަވަޅެއް ގޮތުގައި ހިމަނާފައިވަނީ މަޖިލިސްގެ އިސްނެގުމުގައި އެކަން ކުރެވޭނެ ގޮތަކަށްވެސް ނޫން،" ވައްޑޭ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބޭނެ ކަމަށް ބަލައިގެން ނޫން ކަމަށް ވައްޑޭ ވިދާޅުވި އެވެ. އަދި އެކަން ކުރަނީ އިހުލާސްތެރި ނިޔަތުގައި ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

ހަމަ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ރައްޔިތުންގެ ފައިސާ ހަރަދު ކުރުމުގެ ބާރު ލިބިފައިވާ މަގާމުތަކުގައި ތިބޭ މީހުން ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު ދެފުއް ފެންނަ ގޮތަށް މަގާމުން ވަކިކުރުމުގައި ގޯހެއް އޮތް ކަމަކަށް ނުފެންނަ ކަމަށެވެ.

ކައުންސިލަރުން ވަކި ކުރުމުގެ އެންމެ ފަހު މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި އޮތް ނަމަވެސް އެކަމަކީ ރައްޔިތުންގެ މަޖިލީހަށް އިސް ނަގައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ހިސާން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، ރަށެއްގެ ރައްޔިތުން ނޫނީ ސިޓީއެއްގެ ރައްޔިތުން ވޯޓުން ހޮވާ މީހަކު މަޖިލީހުގެ މެންބަރުންނަށް ވަކިކުރެވޭ ގޮތަށް އޮތް އޮތުން ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ކައުންސިލްތައް ބާރުވެރިކުރުވަން އެމްޑީޕީއިން ނެގި އިސްނެގުމާ ދިމާ އިދިކޮޅު ކަމެއްކަމަށް ގިނަ ބަޔަކަށް މިވަނީ ބުރަވެ އިއްތިފާގުވެފަ އެވެ.

comment ކޮމެންޓް