ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ ހަވީރެއް

ކުޑަކުދީންގެ ހަވީރާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ ގޮތުން މިއަދު ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދުﷲ ޖަމީލު ވިދާޅުވީ މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދީންގެ ހަވީރަކީ އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ގުޅިގެން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.

ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި މިރޭގެ 8:00 އިން ރޭގަނޑު 10:00 އަށްވެސް ކުޑަކުދިންނާ ގުޅުންހުރި ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނޭ ރޭގަނޑުގެ ވަގުތުގައި އިސްލާމިކް މިނިސްޓްރީގައި ގިނަ އަދަދަކަށް ކުޑަކުދީން އުޅޭ މަންޒަރު،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ބާއްވާ ހަވީރުގެ ބޭނުމަކީ މަޖާ މާހައުލެއްގެ ތެރެއިން ދީނީ މައުލޫމާތު ލިބި އިތުރަށް ގިނަ އެއްޗެހި ދަސްކޮށްދިނުމެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކްް މިނިސްޓްރީގެ ސްޓޫޑިއޯ މެނޭޖަރު އިސްމާއިލް އަފްރާހު ވިދާޅުވީ އެ އިވެންޓަކީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ބާއްވާ އިވެންޓަކަށްވުމުން އެކަމާ ގުޅޭގޮތުން ކުޑަކުދީންނަށް މައުލޫމާތު ދިނުން ކުރިއަށް ދާނެ ކަމަށެވެ.

މިއަދުގެ ހަވީރުގައި ޖުމްލަ 13 ސްޓޯލެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އެތަނުން ހަތް ސްޓޯލަކީ މިިނިސްޓްރީގެ ސްޓޯލުތަކެވެ. ބާކީ ހުރި ސްޓޯލުތައް ބަލަހައްޓަނީ އިސްލާމިކް ޔުނިވާސިޓީ އާއި އަޔާދީ ތަކަފުލް ފަދަ ތަންތަނުންނެވެ.

މިރޭ ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދީންނަށް ޓެލެސްކޯޕުން ހަނދާއި ތަރިތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

މިއަދު ކުރިއަށް ގެންދާ އެއްވެސް އިވެންޓެއްގައި ފީއެއް ނުނަގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް