ސައުތު އޭޝިއަން ގޭމްސް: ބަންގާޅު އަތުން އެއްވަރުވެ ރާއްޖެ ތިންވަނަ އަށް

ސައުތް އޭޝިއަން ގޭމްސްގައި އިއްޔެ ރާއްޖެއާ ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލް، ކަތަމަންޑޫ: ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުގައި އިއްޔެ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ތާވަލުގެ ތިންވަނައަށް ރާއްޖެ ޖެހިލައިފި އެވެ.

ނޭޕާލުގެ ދަސްރަތު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު އެ މެޗުގައި ފަހަތުން އަރައި ރާއްޖެ އެއްވަރ ކުރި އިރު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. އިއްޔޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޖުމުލަ ދެ ޕޮއިންޓް ހޯދައިގެން ރާއްޖެ އޮތީ ތިންވަނައިގަ އެވެ.

ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި މިވަގުތު އެއް ވަނައިގައި އޮތީ އިއްޔެ ބޫޓާން އަތުން 4-0 އިން މޮޅުވި ނޭޕާލެވެ. އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބޫޓާނަށް ވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެއީ އިއްޔެ ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވުގެން ހޯދި ތިން ޕޮއިންޓެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ސައުތް އޭޝިއަން ގޭމްސްގައި އިއްޔެ ރާއްޖެއާ ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޯމަ ދުވަހު ސްރީ ލަންކާއާ އެކު ކުޅުނު މެޗުން ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފަ އެވެ. އެ މެޗުގައި ބޭނުންކުރި ފުރަތަމަ 11 އަށް އިއްޔެގެ މެޗުގައި ވަނީ ދެ ބަދަަލެއް ގެނެސްފަ އެވެ. އެއީ ހަސަން ރާއިފް (ހަންނަ) އާއި އަބްދުﷲ ޔާމީން (ޔާން)ގެ ބަދަލުގައި ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި މުހައްމަދު ޖައިލަމް (އޮގީ) ކުޅެން ނުކުތުމެވެ.

އިއްޔެގެ މެޗު ފެށިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައި ޑޮމިނޭޓް ކުރަމުން ދިޔައީ ރާއްޖެއިންނެވެ. ރާއްޖެއިން މޮޅަށް ކުޅެމުން ދަނިކޮށް ބަންގްލަދޭޝަށް ލީޑު ލިބުނީ ރާއްޖޭގެ އަކްރަމް އަބްދުލްގަނީ (އަކޫ) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ބަންގްލަދޭޝްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފް (ހުސެން) އަތުގައި ޖެހިފައި ގޯލަށް ވަނީ އަކްރަމްގެ ގައިގައި ޖެހިފަ އެވެ.

ރާއްޖޭގެ ޓީމަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ ދާދުގެ އެހީތެރިކަމާއެކު ފޭދޫ އިއްބެ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ދާދު އޭރިޔާ ވަދެފައި ފޭދޫ އިއްބެއަށް ޖައްސާލި ބޯޅަ ފޮނުވާލުވުމުން ވަނީ ގޯލުގެ އަރިމަތީ ކަނަށެވެ.

ރާއްޖޭގެ ކޯޗް ސެގާޓް ބުނީ މި މެޗަކީ ވެސް މޮޅުވެވޭ ވަރަށް ފުރުސަތު ތަނަވަސްކުރެވުނު މެޗެއް ކަމަށާއި ކުޅުންތެރިންކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި ކުރިން މެޗަށް ވުރެން ޕޮޒިޓިވް އެއް ކަމަކީ ލަނޑެއް މި މެޗުގައި ޖެހުން ކަމަށާއި ދެން އޮތް މެޗުތަކަށްދާއިރު ޓީމުގެ ރޫހު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސެގާޓް ބުންޏެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތިން ވަަނަ ހޮވި މެޗުން ރާއްޖެ ވަނީ ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

މުބާރާތުގައި ދެން ރާއްޖެ ކުޅޭ މެޗުގައި މާދަމާ މެންދުރު ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަނޑިން 12:15 ގަ އެވެ.

comment ކޮމެންޓް