ކައުންސިލްތަކުގެ ވަކި އަދަދެއް އަންހެނުންނަށް ދިނުން ގާނޫނު އަސާސީއާ ހިލާފު: ގާސިމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 72 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން ވަކި މިންވަރެއް އަންހެނުންނަށް ހާއްސަކުރަން ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ކައުންސިލްތަކުގައި 33 ޕަސަންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ވަނީ، ހިމަނާފަ އެވެ. މިހާރު އެ ބިލު ވަނީ ކޮމިޓީ މަރުހަލާ ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއި ކުރުމަށް އެ ޕާޓީ މައި އިދާރާ، މ. ކުނޫޒުގައި ރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު ހުށަހެޅުފައިވާ ބައެއް އިސްލާހުތައް ރަނގަޅު ކަމަށެވެ. ނަމަވެސް ކައުންސިލްތަކުގައި އަންހެނުންނަށް ވަކި ޕަސަންޓެއް އަމާޒު ކުރުމަކީ، ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާ "ކަނޑައެޅިގެން ހިލާފު" ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެހެން އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލަޔަކުން، ވަކި ނަސަބަކުން، ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް. އެހެންވީމަ ދެ ޖިންސުގެ ދެމެދުގައި ވެސް އެ ތަފާތު ގެނައުމަށް، ވަކި ބަޔަކަށް ވޯޓް ހޯދުމުގެ ބޭނުމުގައި ވެސް ވަކި ޕަސެންޓެއް ކަނޑައަޅާ ދިނީމާ، އަނެއްކޮޅުން އަންހެން ބޭފުޅުންނަށް އޯވަރައިޑް ކުރެވޭ އެހެން ތިބި މީހުންގެ ހައްގުތައް. އެހެންވީމަ މި ދޭތި ދިމައެއް ނުވޭ އިނގޭތޯ،" ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އަންހުން ބޭފުޅުންނަށް މިހާރުވެސް އިންތިހާބުގައި ވާދަކޮށް، ކާމިޔާބު ކުރުމަށް ހުރަހެއް ނެތް ކަމަށާއި މިހާރުވެސް، މަސައްކަތްކޮށްގެން ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ފިރިހެން ބޭފުޅުންނެކޭ އެއްގޮތަށް އަންހެން ބޭފުޅުންނަށްވެސް އެބައޮތް ކަމަށެވެ.

"ކީއްވެގެންތޯ ކައުންސިލް އެކަނި. ރައްޔިތުންގެ މަޖިލިސްވެސް އެހެން ބާއްވަންވީ ނޫންތޯ. ރައީސުލްޖުމްހޫރިއްޔާކަން ވެސް ފިރިހެނަކު ދެއަރު އަދާކޮށްފިއްޔާ އަންހެނަކަށް ދޭން ޖެހޭނެ ނޫންތޯ. ކީއްވެގެންތޯ އެހެން ނަހަދަންވީ. ހަމަ ހަދަންވީ ނޫންތޯ؟ އެހެންވީމަ ކުރާ ކަންތަކާ ބުނާ އެއްޗިއްސާ ދެކޮޅު ޖެހެން ޖެހޭނެ،" 18 ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.

މިހާރު ގާނޫނުތައް ހުރި ގޮތުން މަޖިލީހުގައި ވެސް އަދި ކައުންސިލްތަކުގައިވެސް 100 ޕަސަންޓް އަންހެން ބޭފުޅުން ތިބުމުގެ ފުރުސަތު އެބަ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އަންނެހުންނަށް ވަކި ޕަސަންޓެއް ގާނޫނުން ކަނޑައެޅުމުން ވަކި ޖިންސަކަށް ލިމިޓް ވެގެންދާކަން ވެސް ގާސިމް ފާހަގަ ކުރެއްވި އެވެ.

ގާނޫނަށް އެގޮތަށް ބަދަލު ގެންނަ އުޅުއްވަނީ، ވަކި ބަޔަކު އަންހެނުން ބޭފުޅުންގެ ވޯޓު ހޯއްދެވުމަށް ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ރާއްޖޭގެ އަންހެން ބޭފުޅުންނަކީ އެވަރުގެ "ގަމާރު، މޮޔަ" ބައެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަންހެން ބޭފުޅުން ކުރިއަށް ނެރެން ބޭނުން ނަމަ ޕާޓީތަކުން ނުކުމެ އަންހެން ބޭފުުންނަށް ޓިކެޓް ދީގެން ހަމަ ހަބޭސް ކިޔާފައި ހޮވަންވީ. އެމްޑީޕީގައި ބަލާ 65 މެމްބަރުން ހޮވާފައި އެތިބީ. ކިތައް ބޭފުުޅުންނައްތޯ އަންހެނުން ބޭފުޅުންތިބީ. ކީއްވެތޯ ނެތީ. 65 މެމްބަރުންގެ ތެރެއިން ހަތަރެއް [އަންހެނުން މެމްބަރުން]. ކީއްވެގެންތޯ އެބުނާ ބޮޑު ޕާޓީ މޮޅު ޕާޓީ، ވެރިކަމުގެ އޮވެ، ބާރާއި އާރާއި ފައިސާއާއި ހުރިހާ އެއްޗެއް އޮވެ ކީއްވެގެންތޯ ތިބުނާ 33 ޕަސަންޓް ލައިގެން ކާމިޔާބު ނުކުރެއްވީ" ވާދަވެރި އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެމްޑީޕީން އެކަން ނުކޮށް ތިބެ އެހެން މީހުން ލައްވާ އެކަން ކުރުވުމަށް ވާހަކަ ދެއްކުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ، ގާނޫނަަށް ބަދަލު ނުގެނައި ނަމަވެސް، އަންހެން ބޭފުޅުންނަށްވެސް މަސައްކަތްކޮށްގެެން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"ބައްލަވާލައްވާ މާރިޔާ އަހުމަދު ދީދީ، ބައްލަވާ ލައްވާ އީވާ އަބްދުﷲ، ބައްލަވާލައްވާ ދިޔާނާ ސައީދު، ބައްލަވާ ލައްވާ ސ. އަތޮޅު މެމްބަރު ރޮޒައިނާ އާދަމް، މިހެން ކިތަންމެ ބޭފުޅެއްތޯ. ކޮބައިތޯ އެ ބޭފުޅުން ކުރިމަތިލައްވައިގެން ނުކުރެވުނު ކަމެއް. އެ ބޭފުޅުން ކުރިމަތިލައްވައިގެން ކާމިޔާބު ނުކުރައްވާފައި. މިހެން ގޮސް ކިތައް ބޭފުޅުންގެ ނަންތައްތޯ ދަންނަވަންވީ،" ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް