މަސްތުވެގެން ހުރެ ހެކިބަސް ދިންކަމަށް އިއުތިރާފްވެ ކޯޓަށް ސިޓީއެއް ފޮނުވައިފި

ކުރިމިނަލް ކޯޓު: ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިވެރިއެއް ހެކިބަސް ދިނީ މަސްތުގެ ހާލަތުގައި ކަމަށް މިއަދުގެ އަޑުއެހުމުގައި ވަނީ ބުނެފައި ---ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

މަރުގެ މައްސަލައެއްގައި ހެކިބަސް ދީފައިވަނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށް އިއުތިރާފުވެ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވުމުން، ދައުލަތުން ހުށަހެޅި އެ ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ނިންމައިފިއެވެ.

ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހުގެރޭ ދަރުބާރުގެ ކައިރިން ތޫނު އެއްޗަކުން ހަމަލަދީ ހ. ހަންޑްރެޑްފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައިގައެވެ.

އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ ސިއްރު ހެކީގެ ގޮތުގައި ހަތް މީހެއްގެ ހެކިބަސް ނެގުމަށް ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް ވަނީ ނަގާފައެވެ. އެގޮތުން އޭގެ ތެރެއިން ހެކިބަސް ދިން އެކަކު އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ސިޓީއެއް މީގެ ކުރިން 2017 ވަނަ އަހަރު ފޮނުވާފައިވާ ކން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ފާހަގަކުރެއްވިއެވެ. އެހެން ކަމުން އެ މީހާގެ ހެކިބަސް ބަލައި ނުގަތުމަށް ނިންމާފައިވާކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގައި، ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ނުފޫޒު ފޯރުވައި ބިރު ދައްކާކަމަށް މީގެ ކުރީގެ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އެއާއެކު މިދިޔަ ރިޔާސީ އިންތިހާބު ކައިރިވެފައި އޮއްވާ ޖައިލަމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހަކު ދޫކޮށްލާފައި ވަނިކޮށް އެ ތިން މީހުން އަލުން ހައްޔަރު ކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. އެއާއެކު ޝަރީއަތުން ވަނީ ދައުލަތުގެ ފަރާތުން އެދިވަޑައިގަތް ގޮތަށް އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމްކޮށްފައެވެ.

އިތުރު ތިން ހެއްކެއް ވެސް ނުނަގަން ނިންމި

ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ބައެއް ހެކިވެރިންނަށް އިންޒާރުތައް ލިބެމުންދާ ކަމަށް ބުނެ އެ ފަރާތްތަކުން ހެކިބަސް ދިނުމަށް އުޒުރުވެރިވާކަން ދައުލަތުން އޮތީ މީގެ ކުރިންވެސް ފާހަގަކޮށްފައެވެ.

މިއަދުގެ އަޑުއެހުމަކީވެސް ދައުލަތުގެ ފަރާތުން ހެކިން ހާޒިރުކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްގެންވެސް އެ ފަރާތްތައް ހާޒިރުކުރެވިފައިނުވާތީ ޝަރީއަތުން މިއަދު ނިންމާފައިވަނީ ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ޖައިލަމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ. ސިނަމާލެ 4 01-04 އިސްމާއީލް އަނީގުއާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދުއާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނުގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ. ހަތަރު މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ ހަތަރު މީހުންގެ ތެރެއިން ހުމައިދު އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވަނީ އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ގައެވެ.

comment ކޮމެންޓް