ސައުތު އޭޝިއަން ގޭމްސް 2021ގެ ބައެއް ރާއްޖޭގައި ބާއްވަނީ

ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގައި ޓީޓީ ޓީމުން މިއަދު ލޯ މެޑަލް ހޯދުމަށްފަހު --- ފޮޓޯ// އެމްއޯސީ

ދެހާސް އެކާވީސްވަނަ އަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވުމަށް ނޭޝަނަލް އޮލިމްޕިކް ކޮމިޓީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް ބައްލަވާލެއްވުމަށް އެ ގައުމުގައި ހުރެގެން މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ ފަހަރުގެ ގޭމްސްގެ ބައެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"2021 ވަނަ އަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސް ގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވޭތޯ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އެންއޯސީ) އާއެކު މިދަނީ މަޝްވަރާ ކުރަމުން؛" މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ ރާއްޖޭގައި ބާއްވަން މަސައްކަތްކުރާ ކުޅިވަރުތަކަކީ ފުޓުބޯޅަ، ވޮލީ، ޓީޓީ އަދި ބެޑްމިންޓަން ފަދަ ކުޅިވަރުތައް ކަމަށެވެ.

މިފަހަރުގެ ގޭމްސްގައި އޮތީ 15 ގޭމެވެ. އޭގެ ތެރެއިން 10 ގޭމްސް އޮންނަނީ ވެރިރަށް ކަތަމަންޑޫގައެވެ. ބާކީ ފަސް ގޭމްސް އޮންނާނީ ޕޮކަހަރާގަ އެވެ. ގޭމްސްގެ ގިނަ އިވެންޓުތައް ބާއްވާ ކަތަމަންޑޫގައި ކުޅޭ ކުޅުވަރުތަކަކީ އެތުލެޓިކްސް، ބާސްކެޓްބޯޅަ، ބާސްކެޓްބޯޅަ 3 އޮން 3، ކްރިކެޓް (ފިރިހެން)، ފުޓުބޯޅަ (ފިރިހެން)، ސްވިމިންގް، ޝޫޓިން، ޓޭބަލް ޓެނިސް، ޓެނިސް އަދި ވޮލީބޯޅައެވެ. ޕޮކަހަރާގައި ކުޅޭނީ ބެޑްމިންޓަން، ފުޓުބޯޅަ (އަންހެން)، ހޭންޑްބޯލް، ބީޗް ވޮލީ އަދި އަންހެން ކްރިކެޓެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުރަތަމަ ގޭމްސް 1984 ވަނަ އަހަރު ބޭއްވީ ނޭޕާލްގައެވެ. އޭގެ ފަހުން 1999 ވަނަ އަހަރުވެސް މި ގޭމެސް ނާޕާލުން ހޯސްޓް ކުރިއެވެ. މިއީ ނޭޕާލުން ގޭމްސް ހޯސްޓްކުރާ ތިންވަނަ ފަހަރެވެ.

މިއަހަރުގެ ގޭމްސްގައި 8،000 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު ރާއްޖެއިން ވަނީ 13 ކުޅިވަރެއްގައި ބައިވެރިވެފައެވެ. ގޭމްސްގެ ކުޅިވަރުތައް ރަސްމީކޮށް މި މަހުގެ އެއްވަނަ ދުވަހު ފެށި އިރު ރާއްޖެއިން މިހާތަނަށް ވަނީ ރަން މެޑައްޔަކާއި ލޯ މެޑަލް ހޯދައިފަ އވެ. ރަން މެޑަލް ހޯދާފައި ވަނީ 100 މީޓަރު ދުވުމުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. ލޯ މެޑަލް ހޯދީ އަންހެން ޓީޓީ ޓީމް އިވެންޓުންނެވެ.

އަންނަ ފަހަރުގެ ސައުތު އޭޝިއަން ގޭމްސް ރާއްޖޭގައި ކުޅުމަށް މަސައްކަތްކުރާ އިރު 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވަން ކުރި ބިޑުވެސް ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ. އެހެންކަމުން އެ މުބާރާތަށް ރާއްޖެ ތައްޔާރުވާ އިރު ސައުތު އޭޝިއަން ގޭމްސް އެ ދޭތެރެއަށް އައިސްފިނަމަ ރާއްޖެއަށް ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ބޭއްވުމުގެ ތަޖުރިބާ ލިބޭނެއެވެ.

ކޮންމެ ތިން އަހަރަކުން އެއް އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސް މިއަހަރު ނޭޕާލްގައި ބޭއްވި ނަމަވެސް ހަގީގަތުގައި މުބާރާތް ބާއްވަން ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުއެވެ. މި މުބާރާތް ލަސްވެގެން ދިޔައީ ނޭޕާލުން މުބާރާތަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވުމުންނެވެ.

comment ކޮމެންޓް