ސާއިދުގެ ކާމިޔާބީއަށް ރައީސްގެ މަރުހަބާ!

ގޭމްސްގެ 100 މީޓަރުގެ ދެވަނަ ހީޓުގައި ސާއިދު ދުވަނީ ---އެމްއޯސީ

ނޭޕާލުގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސާއިދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރައީސް ސޯލިހު ވަނީ އޭނާއަށް މިއަދު މެންދުރުފަހު ގުޅުއްވާފައި ކަމަށެވެ.

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުން އެންމެ ފުރަތަމަ ނިންމައި، ސާއިދުއަށް ރަން މެޑަލް ލިބުނު އިރު މިއީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ.

މިއަދު އޮތް 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފައިނަލުން އެއްވަނަ ހޯދައި ސާއިދު ވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔަށް ވެފައެވެ.

ސާއިދަކީ ރާއްޖޭގެ އެތުލެޓިކްސްއަށް ބައިނައަލްއަގުވާމީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރަން މެޑަލެއް ހޯދައިދިން ފަރާތެވެ. އެއީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ހޯދައިދިން ރަން މެޑަލެކެވެ.

comment ކޮމެންޓް