ސައުތު އޭޝިއަން ގޭމްސް: ދިގު ދަތުރަކަށްފަހު އަންހެން ފުޓުބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

(ޕޮކަހަރާ، ނޭޕާލް): ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ނޭޕާލްގެ ޕޮކަހަރާ ސިޓީގެ ފުޓުބޯޅަ ގްރައުންޑުގައި މިއަދު ހަވީރު ރާއްޖޭގެ އަންހެން ޓީމުން ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު، އިންޑިއާއާ ވާދަކޮށް ބަލިވީ 0-5 ގެ ނަތީޖާ އަކުންނެވެ.

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިފަހަރުގެ މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެއާއި މުބާރާތް ބާއްވާ ނޭޕާލް އަދި އިންޑިއާގެ އިތުރުން ސްރީލަންކާއެވެ. ހަތަރު ގައުމަކުން ވާދަކުރާތީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިއަދުގެ މެޗު ފެށިގެން ހަވަނަ މިނަޓުގެ ތެރޭގައި އިންޑިއާއިން ވަނީ ގޯލުޖަހައި ލީޑު ނަގައިފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ދަންގްނޭ ގްރޭސްއެވެ. އިންޑިއާގެ ގޯލާއެކު ރާއްޖެއިން ކުޅެން ރަނގަޅުކޮށް އިންޑިއާއިން ކުޅެމުން ދިޔަ އަވަސް ކުޅުން ހުއްޓުވުމަށް މަސައްކަތް ކުރިއެވެ. އިންޑިއާއިން ޖެހި ދެވަނަ ގޯލު 26 ވަނަ މިނިޓުގައި އެ ޓީމުން ޖެހި އިރު ތިންވަނަ ގޯލު ޖެހީ 35 ވަނަ މިނިޓުގައެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ގޯލްކީޕަރު އައިމިނަތު ލީޒާއާއި ކެޕްޓަން ފާތިމަތު ސާލިޔާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު އިންޑިއާއިން ލީޑު އިތުރަށް ފުޅާ ކުރި މެޗު ނިމެން ދަނިކޮށް 87 ވަނަ މިނަޓުގައްޔާއި 89 ވަނަ މިނަޓުގައެވެ.

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

"އަޅުގަނޑުމެން އެހާ ބޮޑު ދަތުރެއް ކޮށްފައި އައިސް ރެސްޓެއް ނުލިބި މެޗު ކުޅެން ޖެހުނީމަ ވަރަށް ބޮޑަށް އުނދަގޫވި. ކުދިން ހުން އައިސް ރޯގާ ޖެހުމާއި ކަންކަން ވެސް ކުރިމަތިވި." ނާދު ބުންޏެވެ.

އަންހެން ފުޓުބޯޅަ ޓީމު ނޭޕާލްއަށް ދިގު ދަތުރަކަށްފަހު އިއްޔެ އާދެވުނު އިރު ކަތަމަންޑޫއިން މުބާރާތް އޮންނަ ޕޮކަހަރާ ސިޓީއަށް އާދެވުނީ ހަތް ގަޑިއިރުގެ ބަހުގެ ދަތުރަކަށް ފަހު ރޭގެ ވަގުތެއްގައެވެ. އެހެން ކަމުން މިއަދުގެ މެޗަށް ކުޅުންތެރިންގެ ފިޓްނެސް ހުރީ އެންމެ އެކަށީގެންވާ ލެެވެލްގައި ނޫން ކަނަ ނާދު ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން މިއަދުގެ މެޗު ކުޅުނު ދަނޑާއި ޗޭންޖިންގް ރޫމްގެ ހާލަތު ވަރަށް ދެރަކަމަށާއި މިއީ އަންހެން ކުދިންނަށް މެޗު ކުޅެވޭނެ ގޮތަކަށް އިންތިޒާމް ކުރެވިފައިވާ މުބާރާތެއް ނޫންކަމަށް ކޯޗު ވަނީ ބުނެފައެވެ.

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ މިދިޔަ މާޗް މަހު ނޭޕާލުގެ ބިރާތުނަގަރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި އިންޑިއާއާއި ލަންކާއާ ވާދަކޮށް ބަލިވެ ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީއެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އަންހެން ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރެވުމެވެ.

comment ކޮމެންޓް