މާލޭ ސިޓީއަށް 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭގޮތް ހަދަނީ

މާލޭ ސިޓީ ކައުންސިލް އިދާރާ -- ސަންފޮޓޯ/ ފަޔާޒު މޫސާ

އާބާދީއަށް ބަލައި 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ފާސްކޮށްފިއެވެ. އެބަދަލާއެކު މާލޭ ސިޓީއަށް 19 ކައުންސިލަރުން އައްޔަނުކުރަން ޖެހޭނެއެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ނަމަވެސް އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައިވަނީ ތިން ސަރަހައްދަކަށެވެ. އެއީ މާލޭ ސިޓީގެ އިތުރުން އައްޑޫ އަދި ފުވައްމުލަކު ސިޓީ އެވެ. ލާމަރުކަޒީ ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައިވަނީ ސިޓީގައި ރެޖިސްޓްރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 10،000 މީހުންނާއި 30،000 މީހުންނާއި ދެމެދުގެ އަދަދެއް ކަމުގައި ވާނަމަ މޭޔަރާއި ގާނޫނުން ލާޒިމުކުރާ އަންހެން މެމްބަރުންނާއެކު ހަތް މެމްބަރުން އެ ސިޓީއެއްގެ ކައުންސިލެއްގައި ތިބެންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ސަންފޮޓޯ/ ފަޔާޒު މޫސާ

އޭގެއިތުރުން 30،000 އާއި 60،000 އާއި ދެމެދުގެ އާބާދީއެއް އޮންނަ ކައުންސިލެއް ނަމަ މޭޔަރައި އަންހެން ކައުންސިލަރުންނާއެކު 11 ކައުންސަރުން ތިބެންވާނެކަމަށް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި 60،000 އަށް ވުރެ އާބާދީ ބޮޑުވެއްޖެ ނަމަ 19 ކައުންސިލަރުން ތިބެންވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ. މިހާރު އޮންނަ ގޮތުން މާލޭ ސިޓީގައި ތިބެންޖެހެނީ 13 ކައުންސިލަރުންނެވެ. ނަމަވެސް އޭގެ ތެރެއިން އެއްކައުންސިލަރަކު މި އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާތީ، މިވަގުތު ކައުންސިލުގައި ތިއްބެވީ 12 ކައުންސިލަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް މީގެ ކުރިން ގެނައި އިސްލާހުގައި ވާގޮތުން ކޮންމެ ކައުންސިލެއްގައި 33 ޕަސެންޓް އަންހެން ކައުންސިލަރުން ތިބެން ޖެހޭނެ އެވެ. ލާމަރުކަޒީ ގާނޫނަށް ކޮމިޓީއިން މިފަހަރު ގެނައި އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނު ދަށުން ފުރަތަމަ ބާއްވާ ސިޓީ ކައުންސިލުގެ އިންތިހާބުގައި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށެވެ.

ކައުންސިލުގެ ރައީސް ރައްޔިތުންގެ ވޯޓުން

މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ނަމަވެސް އެއަށް ބަދަލު ގެނެސް، ރަށު ކައުންސިލުތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓުން ކަމަށް ކަނޑައަޅަން ވަނީ އިސްލާހު ގެނެސްފައެވެ.

އަދި އަތޮޅު ކައުންސިލުގެ ރައީސް ހޮވާނީ މުޅި އަތޮޅުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުންކަމަށް ކަނޑައަޅަން ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އެ ރަށުގެ ކައުންސިލުގެ ރައީސް ހޮވާނީ ރަށު ރައްޔިތުން ވޯޓު ލައިގެން ކަމަށާއި، ސިޓީ ކައުންސިލުތަކުގެ މޭޔަރުންވެސް ހޮވާނީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓާއެކު ކަމަށް ވަނީ ނިންމާފައެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މާލޭ ސިޓީގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު --- ފޮޓޯ/ މަޖިލިސް

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި އަތޮޅު ކައުންސިލު އެކުލެވިފައިވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން އޮންނަ ގޮތުން ކޮންމެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް އެއް މެމްބަރަކު އިންތިހާބު ކުރެއެވެ. ނަމަވެސް ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައި ވަނީ ދެން އަތޮޅު ކައުންސިލުގައި ހިމެނޭނީ ކޮންމެ ރަށެއްގެވެސް ރަށު ކައުންސިލު ރައީސް ކަމަށެވެ. އަތޮޅު ކައުންސިލުގައި ރަށުގެ ބަސް އިއްވާނީ ރަށު ކައުންސިލުގެ ރައީސްކަމަށް ވަނީ ކަނޑައަޅާފައެވެ.

މިފަަހަރު ލާމަރުކަޒީ ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުތަކުން ކޮންމެ ކައުންސިލެއްގެ ވެސް ޒިންމާތަކާއި ވާޖިބުތައް ވަނީ ވަކިން ބަޔާންކޮށްފަ އެވެ. އެގޮތުން އެ ކައުންސިލެއްގެ ރައީސްގެ ވާޖިބު ތަކާއި ކައުންސިލަރުން ހިމެނޭ ގޮތަށް މުޅި ކައުންސިލުގެ ވާޖިބުތައް ވަކިވަކިން ވަނީ ބަޔާންކޮށްފަ އެވެ.

އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރެވު ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންކަމަށް ބުނެފައިވެއެވެ. ލާމަރުކަޒީ ކޮމިޓީއިން ގެނައި ބަދަލުތަކާއެކު ކޮމިޓީ ރިޕޯޓު މިހާރު ވަނީ ތަޅުމަށް ފޮނުވާފައެވެ. ބެލެވޭ ގޮތުން މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން އެ އިސްލާހުތައް މަޖިލީހުން ފާސްކުރާނެއެވެ. މިދައުރުގެ ފަހު ޖަލްސާ އޮންނާނީ މި ހަފްތާގެ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް