ސައުތު އޭޝިއަން ގޭމްސް: ޓީޓީ އަންހެން ޓީމުން ބްރޯންޒް މެޑަލް ހޯދައިފި

އަންހެން ޓީޓީ ޓީމް އިވެންޓުގެ ސެމީ ފައިނަލުގައި މިއަދު ދީމާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލް، ކަތަމަންޑޫ: ނޭޕާލްގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީޓީ ޓީމް އިވެންޓުން ރާއްޖެ ލޯ މެޑަލް ހޯދައިފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ވަރުގަދަ ޕާކިސްތާން ބަލިކޮށް ރާއްޖޭގެ ޒުވާން އަންހެން ޓީމު ސެމީއަށް ދަތުރު ކުރުމުން ލޯ މެޑަލް ވަނީ ޔަގީންވެފަ އެވެ. އެހެން ނަމަވެސް ސެމީގައި މިއަދ ހަވީރު ކުޅުނު މެޗުން ވަނީ ސްރީ ލަންކާ އަތުން ބަލިވެފަ އެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބެނީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިންވަނަ ހޮވާ މެޗު ކުޅެން ނުޖެހުމުން ސެމީގައި ބަލިވާ ޓީމަށް އޮޓަމެޓިކް ކޮށް މެޑަލް ދޭން ނިންމާފައި އޮތުމުންނެވެ.

އަންހެން ޓީޓީ ޓީމް އިވެންޓުގެ ސެމީ ފައިނަލުގައި މިއަދު ލައިޝާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލްގެ ލައިންޗޯރ ޓީޓީ ހޯލުގައި މިއަދު ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ކުރި ހޯދީ 1-3 ގޭމުން ކުރި ހޯދައިގެންނެވެ. ނަމަވެސް މިއަދު ކުޅުނު ސެމީގައި ލަންކާ އަތުން ބަލިވީ ކުޅުނު ތިން ގޭމުން ވެސް ބަލިވެގެންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ލަންކާގެ އެރާންދީ އަތުން ބަލިވީ 1-3 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ލަންކާގެ ކުޅުންތެރިޔާ 4-11 އިން ކާމިޔާބު ކުރި އިރު ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު އެ ކުޅުންތެރިޔާ ކާމިޔާބު ކުރީ 10-12 އިންނެނެވެ. އެކަމަކު ތިންވަނަ ސެޓުގައި މޮޅު ކުޅުމެއް ދައްކާ ދީމާ ވަނީ އެ ސެޓު 12-14 އިން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ދެން އައި ސެޓު އަނެއްކާވެސް ލަންކާ ކުޅުންތެރިޔާ ކާމިޔާބު ކުރީ 11-13 އިންނެވެ.

ދެވަނަ ގޭމު ވެސް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްއާ ވާދަކޮށް ލަންކާ ކުޅުންތެރިޔާ ކާމިޔާބު ކުރީ 1-3 އިންނެވެ. ލަންކާގެ އިޝާރާ އެ މެޗުގެ ފުރަތަމަ ސެޓު 6-11 އިން ގެންދިޔައިރު ދެވަނަ ސެޓުން ރަފާ މޮޅުވީ 12-10 އިންނެވެ. ޖެހިގެން އައި ދެ ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބު ކުރީ 3-11 އަދި 6-11 އިންނެވެ. ރަފާ ވަނީ މިއަދު ހެނދުނު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

އަންހެން ޓީޓީ ޓީމް އިވެންޓުގެ ސެމީ ފައިނަލުގައި މިއަދު ރަފާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ތިން ވަނަ ގޭމުގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ލަންކާ ކުޅުންތެރިޔާއާ ވާދަކޮށް ބަލިވީ 1-3 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓުން ލައިސާ ވަނީ 12-10 އިން މޮޅުވެފަ އެވެ. ނަމަވެސް ދެން އައި ތިން ސެޓު ވެސް ލަންކާ ކުޅުންތެރިޔާ ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ކުޅުންތެރިޔާ އެ ތިން ސެޓު ކާމިޔާބު ކުރީ 6-10، 8-11 އަދި 4-11 އިންނެވެ.

މިފަހަރުގެ މުބާރާތަށް އަންހެން ޓީޓީ ޓީމު އައީ ބައިނަލް އަގުވާމީ މުބާރާތްތަކެއްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ. އެގޮތުން މިއަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓާއި ޑަބަލްސްގެ އިތުރުން ސިންގަލްސްއިން ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ޝަރަފުވެރި ރަންވަނަ ހޯދައިފަ އެވެ.

comment ކޮމެންޓް