ނާސާއިން ޗަންދުރަޔާން-2ގެ ލޭންޑާގެ ބައިތައް ހޯދައިފި

ނާސާއިން ވަނީ ވިކްރަމް ލޭންޑާގެ ބައިތައް ހޯދާފައި -- ފޮޓޯ: ނާސާ

ނާސާ (ޑިސެމްބަރު 3): އިންޑިއާއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަޔެއްގައި ހަނދަށް ފޮނުވާލި އުޅަނދު، ޗަންދުރަޔާން-2ގެ ލޭންޑާގެ ބައިތައް ފެނިއްޖެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފި އެވެ.

ނާސާއިން ބުނި ގޮތުގައި އެ އިދާރާގެ ސެޓެލައިޓަކުން ސެޕްޓެމްބަރު 17ގައި ނެގި ހަނދުގެ ފޮޓޯތަކުން، ވިކްރަމް ލޭންޑާގެ އެތިކޮޅެއް ފުރަތަމަ ހޯދީ އިންޑިއާގެ އިންޖިނިއަރެއް ކަމަށްވާ ޝަންމުގާ ސުބްރަމާނިއަން އެވެ. އެ އެތިކޮޅު ފެނުނީ ވިކްރަމް ލޭންޑާ ވެއްޓުނު ސަރަހައްދާ 750 މީޓަރު ދުރުންނެވެ.

ނާސާއިން ފަހުން ވަނީ ލޭންޑާގެ އިތުރު އެތިކޮޅުތައް ފެހި ކުލައިން ފާހަގަކޮށް، އެ އުޅަނދުގެ ބައިތައް ވެއްޓުނު ތަންތަން ނޫ ކުލައިން ފާހަގަ ކުރުމަށް ފަހު ޓުވިޓާގައި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އަދި ސުބްރަމާނިއަން ހޯދި އެތިކޮޅުގެ ކައިރީގައި ވަނީ 'އެސް' އެއް ޖަހާފަ އެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝްގައި ހުންނަ ސަތިޝް ދަވަން ސްޕޭސް ސެންޓަރުން ޗަންދުރަޔާން-2 ލޯންޗު ކުރީ މިދިޔަ ޖުލައި 19އިގަ އެވެ. އަދި އެ އުޅަނދު ހަނދުގައި ޖެއްސުމަށް މަސައްކަތް ކުރީ ސެޕްޓެމްބަރު ހަ ވަނަ ދުވަހުގެރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭތި ހަނދަށް ޖައްސަން 2.1 ކިލޯ މީޓަރުގެ ރާސްތާއެއް އޮތްވައި ވިކްރަމް ލޭންޑާއާ ގުޅުން ކެނޑުނެވެ.

ޗަންދުރަޔަން-2ގައި ތިން ބައެއް ހިމެނެ އެވެ. އެއީ ހަނދުގައި ޖައްސާ ލޭންޑާ (ވިކްރަމް)އާއި ހަނދުގައި ދިރާސާތައް ކުރަން ހަދާފައިވާ ރޯވާ (ޕްރަޔްގަން)އާއި ހަނދުގައި ނުޖައްސާ ބުރު ޖަހަމުންދާނެ އޯބިޓާއެކެވެ. އަދި އިންޑިއާގެ ޖައްވީ އިދާރާއިން ބުނި ގޮތުގައި ލޭންޑާއާ ގުޅުން ކެނޑުނު ނަމަވެސް އޭގެ ސަބަބުން ޗަންދުރަޔަން-2 މިޝަން ފެއިލްއެއް ނުވެ އެވެ. ސަބަބަކީ އެ އޯބިޓާ އަދި ވެސް ހަނދުގެ ކައިރިން ދަތުރުކުރަމުން، ދިރާސާތައް ކުރަމުން ދާނެތީ އެވެ.

އިންޑިއާއަކީ، ހަނދަށް އުޅަނދެއް ފޮނުވި ދުނިޔޭގެ ހަތަރުވަނަ ގައުމެވެ. އެގައުމުން އުންމީދުކުރީ ޗަންދުރަޔާން-2 ވެގެންދާނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާނެ ފުރަތަމަ އުޅަނދަށް ވާނެ ކަމަށެވެ.

comment ކޮމެންޓް