މަޖިލީހުން ނަގާ ވޯޓަކުން ކައުންސިލަރުން ވަކި ކުރެވޭގޮތަށް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިސްލާހު ގެނެސްފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށް ނިންމި އިރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ކައުންސިލަރުން ކައުންސިލުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވަނީ ދީފަ އެވެ.

އެގޮތުން ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

"ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވެ އެވެ." ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވެ އެވެ.

ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ ކަމަށްވެސް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅިއިރު މަޖިލީހަށް ކައުންސިލަރުން ވަކި ކުރެވޭ ގޮތަށް ހިމަނާފައެއް ނުވެ އެވެ. އެބައި ހިމަނާފައިވަނީ ކޮމިޓީއިން ބިލު ދިރާސާކުރި އިރު އެވެ.

ވަކިކުރަނީ އިސްލާހު ކުރަން ފުރުސަތު ދީފައި

ކައުންސިލަރެއް ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް މަގާމު ގެއްލޭ ފަދަ އަމަލެއް ކޮށްފި ކަމަށް އެލްޖީއޭއަށް ރިޕޯޓު ކުރުމުން އެމައްސަލަ ބެލުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލައި ބަލަން ފަށަން ޖެހޭނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.

ކައުންސިލަރުންގެ މައްސަލައެއް އެލްޖީއޭއަށް ހުށަހެޅުމުން މައްސަލަ ބަލަން އެކުލަވާލާ އެންކުއަރީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން ކައުންސިލަށް އަންގަންޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެގޮތަށް އެންގުމުންވެސް ކަންކަން ރަނގަޅު ނުކުރާނަމަ އިންކުއަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގާނޫނަށް ގެނަން ކޮމިޓީއިން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ. އަދި މަޖިލީޙުން އެ ރިޕޯޓު ދިރާސާކޮށް ދޭ ލަފަޔާ އެއްގޮތަށް އެލްޖީއޭއިން އަމަލުކުރަން ވާނެ ކަމަށްވެސް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފަ އެވެ.

ކައުންސިލަރުންނަށް އެޅޭނެ ކަމަށް އިސްލާހުގައި ބުނެފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ތިން މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް މަސްއޫލިއްޔަތުން ދުރު ކުރުން ހިމެނެ އެވެ.

ރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް ހުރަސް ނޭޅޭނެ

ސަރުކާރުން ވަކި ކުންފުންޏަކާ ހަވާލުކޮށްގެން ހިނގާ ޕްރޮޖެކްޓްތަކަށް އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ ކައުންސިލަށް ހުރަސް ނޭޅޭނޭ ގޮތަށް ލާމަރުކަޒީ ކޮމިޓީއިން ލާމަރުކަޒީ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ކައުންސިލުން އިހުމާލުވާނަަމަ އެ ޕްރޮޖެކްޓެގެ ހުރިހާ މަސްއޫލިއްޔަތެއް ކައުންސިލުގެ ބާރުގެ ދަށުން ނެގޭނެ ގޮތަށް ކޮމިޓީއިން ވަނީ އިސްލާހު ކޮށްފަ އެވެ.

ސެކްޓޯރަލް ގްރާންޓް ނުވަތަ ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ކައުންސިލު މެދުވެރިކޮށް ސަރުކާރުން ހިންގާ ޕްރޮޖެކްޓެއް ނުވަތަ ޕްރޮޖެކްޓްތަކެއް ހިންގުމުގައި ކައުންސިލަރުން އިހުމާލުވާކަން އެ ޕްރޮޖެކްޓް ހިންގާ އިދާރާއަކަށް ފާހަގަކުރެވޭ ނަމަ ޕްރޮޖެކްޓާ ގުޅޭ ބާރުތައް ކައުންސިލުން ނެގޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އެހިސާބުން އެ ޕްރޮޖެކްޓްގެ މެނޭޖަރަށް ހުރިހާ ބާރުތަކެއް ދެވޭނެ ކަމަށްވެސް ލާމަރުކަޒީ ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް