"ޓެރަރިސްޓު" އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޏ. ފުވައްމުލައް / މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި އަމީން ހައްޔަރު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމީން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މި މަހުގެ ފުރަތަމަ ދުވަހު، އަމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް އެތެރެވެފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް އޭރު ނެރުނެވެ.

ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލައިފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނާފައެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަމީން އާ ބެހޭގޮތުން އެމެރިކާއިން ބުނެފައި ވަނީ އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެއް ކަމަށެވެ. އެގޮތުން ފައިސާގެ އެހިތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަމީން މި އަހަރުގެ އޭޕްރީލް މަހުގެވެސް އައިއެސްއަށް މީހުން ރެކްރޫޓުކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ކޮންމެ ހަފްތާއަކުވެސް ދީނީ ކްލާސްތަކެއްގެ ނަމުގައި މާލޭގައި 10 ވަރަކަށް ރެކްރޫޓްމަންޓް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަން އޯއެފްއޭސީން ބުނެއެވެ.

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވާގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުމަކީ ގާނޫނީ ކުށެކެވެ.

މިހާތަަނަށް ފުލުހުން އާންމު ކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި މިއީ އަލަށް ތަސްދީގު ކުރެވުނު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުތަކާއެކު ހައްޔަރުކޮށް، ދައުވާކުރަން ފޮނުވި ފުރަތަމަ މީހާއެވެ.

އަލަށް ގެނައި އިސްލާހުތަކާއެކު ޓެރަރިޒަމްގެ ގާނޫނުގައިވާގޮތުން ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތް ކުރުން ނުވަތަ އެކަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. އެ ކުށް ސާބިތުވެެގެން ލިބޭ އަދަބެއްގެ ގޮތުގައި ހިމަނާފައިވަނީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެއީ އެގާނޫނުގައި އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެވެ.

comment ކޮމެންޓް